ޚަބަރު

''ޑައިބް މޯލްޑިވްސް ޔޫތު ކޭމްޕް" ފަށައިފި


ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮއްގެން ބާއްވާ ''ޑައިބް މޯލްޑިވްސް ޔޫތު ކޭމްޕް" ފަށައިފިއެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 16 އަށް ބަނޑޮސް އައިލަންޑް ރިސޯރޓްގައި ކުރިއަށްދާ މި ކޭމްޕަކީ ހަކުރު ބަލީގެ ޓައިޕް ވަންގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮއްގެން ބާއްވާ ''ޑައިބް މޯލްޑިވްސް ޔޫތު ކޭމްޕް" އިފްތިތާޙުކޮށްދެއްވީ ހެލްތު މިނިސްޓަރ ޢަބްދު ﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދު ﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ހަކުރު ބަލި ހުރިކަން ނޭނގި ބައްޔަށް ބޭސް ނުކުރެވި ގިނަ ދުވަސް ހޭދަވާނަމަ އެ ބަލީގެ ނުރައްކާ އިތުރަށް ބޮޑުވެ އޭގެ ސަބަބުން ތަފާތު އެތައް ބަލިތަކަކަށް މަގުފަހިވާ ކަމަށެވެ. އެހެންކަމުން ހަކުރު ބައްޔަށް ޓެސްޓު ކުރުމަށް ސަމާލުކަން ދިނުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. ދުރާލާ މި ބަލި ދެނެގަނެވިއްޖެނަމަ ބަލީގެ ނުރައްކާ ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތުތައް ސިއްޙީ ނިޒާމުގެ ތެރެއިން ހުޅުވާލެވިފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ބަރުދަން ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރުވުމަކީ ހަކުރު ބައްޔަށް ހުޅުވާލެވޭ ދޮރެއް ކަމަށާއި އެ ފަދަ ކުދިން ރާއްޖޭގެ ސްކޫލްތަކުގައި ތިބިކަން 2015 ވަނަ އަހަރުގެ މެޑިކަލް ރިޕޯރޓުތަކުން ދައްކާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގްރޭޑް އެކެއްގައި ކިޔަވާ، މި ދެންނެވީ އުމުރުން 6 އަހަރާއި 7 އަހަރާއި ދެމެދުގެ ކުދިންގެ ހެލްތް ސްކްރީނުން ދައްކާ ގޮތުން 22 އިންސައްތަ ކުދިންނަކީ އެ ކުދިންގެ ބަރުދަން ހުންނަންޖެހޭ މިންވަރަށްވުރެ އިތުރު ކުދިންނެވެ. އަދި ހަމައެއާއި އެކު ގްރޭޑް 7 ގައި ކިޔަވާ ކުދިންގެ ދިރާސާ ދައްކާ ގޮތުން ދެ ޖިންސުގެ ތަފާތެއް އުޅުނަސް ގާތްގަނޑަކަށް 24 އިންސައްތައެއްހާ ކުދިންނަކީ އެ ކުދިންގެ ބަރުދަން ހުންނަންޖެހޭ ވަރަށްވުރެ އިތުރަށް ހުރި ކުދިންނެވެ. މީގެ މާނައަކީ ހަކުރު ބަލިފަދަ ބަލިތަކަށް އެ ކުދިން ހުށައެޅުމުގެ ފުރުޞަތު ބޮޑު ކަމެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ، ކުޑަކުދިންގެ ސިއްޙަތަށް ފައިދާނުވާ ބުއިންތައް އެކުދިން އެއްވެ އުޅޭ ތަންތަނުގައި އިޝްތިހާރު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. 

"ކުދިންގެ ސިއްޙަތަށް އެއިން އެއްވެސް ފައިދާއެއް ނުކުރާ އޭގައި އިންތިހާއަށް ހަކުރު ގިނަ އަދި ކުދީން އެޑިކްޓުވާފަދަ މާއްދާތައް އެކުލެވިގެންވާ ބުއިންތަކާ މިފަދަ ކަންކަން ސްކޫލް ކުދިން އެއްވެ އުޅޭ ތަންތަނުގައި އިޝްތިހާރުކުރުމާ އެކުދިން އެއަށް ޝައުޤުވެރިވާނޭ ގޮތަށް އެކުދިން އެއަށް ހުށައެޅޭ ގޮތަށް އެ ތަކެތި ބޭނުން ކުރުން ހުއްޓާލުމަށް ހުރިހާ ބޭފުޅުން ސަމާލުކަން ދިނުމަކީ އަޅުގަނޑު މިރޭ ކުރާ އިލްތިމާސެކޭ." މިނިސްޓަރ ވިދާޅުވިއެވެ.

މި ކޭމްޕަކީ ހަކުރު ބަލީގެ މީހުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް އެހީތެރިވެދިނުމަށް އެކި މައުލޫމާތު ފޯރުވައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ކޭމްޕެއް ކަމަށް ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނެއެވެ. ހަކުރު ބައްޔަށް ފަރުވާ ހޯދުމުގައި ދަތިތަކެއް ހުރިކަން މި ކޭމްޕުގެ ބައިވެރިއަކު ފާހަގަކޮށްފައިވެއެވެ.

"ހަމަ ޔަޤީނުން ވެސް އަޅުގަނޑުމެންނަށް ހުރި އެންމެ ބޮޑު ދައްޗަކީ އަޅުގަނޑުމެން ބޭނުންކުރާ އިންސުލިން އާއި ޓެސްޓު ހަދަން ބޭނުންކުރާ މީޓަރ އަދި ސްޓިމިޕްސް ފަދަ ތަކެތި ހިލޭ ބޭސްފަރުވާ ކުރާ ނިޒާމުގެ ތެރެއިން ލިބެން ނެތުން. އަޅުގަނޑުގެ އެދުމަކީ ކަމާބެހޭ ވުޒާރާތަކުން މިކަންކަން ހަމަޖައްސަވައި ދެއްވައި އަޅުގަނޑުމެން ހަކުރުބަލި ތަޙައްމަލު ކުރަމުންދާ ޒުވާނުންނަށް ބޭނުންވާ ބޭސްފަރުވާގެ ޒަމާނީ ވަސީލަތްތައް ލިބޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުން." ކޭމްޕުގެ ބައިވެރިއަކު ފާހަގަކުރިއެވެ.

ބަނޑޮސް އައިލެންޑް ރިސޯރޓުގައި ކުރިއަށް ދާ މި ކޭމްޕުގައި ހަކުރު ބަލީގެ ޓައިޕް ވަންގެ 17 ޒުވާނުން ބައިވެރިވެފައިވާ ކަމަށް ޑައިބެޓީސް ސޮސައިޓި އޮފް މޯލްޑިވްސް އިން ބުނެއެވެ. މިއީ އެ ޖަމްޢިއްޔާއިން މި ކޭމްޕް ބާއްވާ 3 ވަނަ ފަހަރެވެ.