ޚަބަރު

18 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފި


ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ދިޔަ 18 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފިއެވެ. 

18 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ. މިމަހުގެ އެކަކުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކެޑޭޓް ކޭމްޕުގައި 31 ސްކޫލަކުން، 137 ދަރިވަރުން ބައިވެރިވިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މި ކެޑޭޓު ކޭމްޕުގައި ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ، މަޖީދިއްޔާ ސްކޫލު، ދަރުމަވަންތަ ސްކޫލު، އަމީނިއްޔާ ސްކޫލު، ޖަމާލުއްދީން ސްކޫލު، ކަލާފާނު ސްކޫލު، ރެހެންދި ސްކޫލު، ޣާޒީ ސްކޫލު، ތާޖުއްދީން ސްކޫލު، ސ.ހިތަދޫ ސްކޫލް، މަދަރުސަތުލް އިފްތިތާޙް، ރ.އުނގޫފާރު ސްކޫލު، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލު، ފ.އަތޮޅު ތަޢުލީމީ މަރުކަޒު، ފޭދޫ ސްކޫލު، ލ.އަތޮޅު ތަޢުލީމީ މަރުކަޒު، ގދ.އަތޮޅު ތަޢުލީމީ މަރުކަޒު، އިރުޝާދިއްޔާ ސްކޫލު، ފުނަދޫ ސްކޫލު، އިމާދުއްދީން ސްކޫލު، އަފީފުއްދީން ސްކޫލު، ސ.އަތޮޅު މަދަރުސާ، ހިރިޔާ ސްކޫލު، ހއ.އަތޮޅު މަދަރުސާ، ޝަރަފުއްދީން ސްކޫލު، މާފުށީ ސްކޫލު، ޖަލާލުއްދީން ސްކޫލު، ހަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލު، ގަލޮޅު މަދަރުސާ، ތުޅާދޫ ސްކޫލު، ޏ.އަތޮޅު ތަޢުލީމީ މަރުކަޒު އަދި މުހިއްޔުއްދީން ސްކޫލު އެވެ.

މި ކޭމްޕްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް މުދައްރިބުންނާއި ނޭޝަނަލް ކެޑޭޓް ކޯގެ މުދައްރިބުންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.