ސިޔާސީ

ޕީޕީއެމްގެ އިސްބޭފުޅުން ޗައިނާއަށް ކުރައްވާ ދަތުރުފުޅު


ޗައިނާގެ ވެރިކަންކުރާ ކޮމިޔުނިސްޓް ޕާޓީގެ ދަޢުވަތަކަށް ޗައިނާއަށް ގޮސްއުޅޭ ވެރިކަންކުރާ ޕީޕީއެމްގެ ވަފްދުގެ ބޭފުޅުން ޗައިނާގެ ޔުނާން ޕްރޮވިންސްގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. 

ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ދަޢުވަތަކަށް ޗައިނާއަށް ވަޑައިގެން އުޅުއްވާ 12 ބޭފުޅުންގެ ވަފްދުގައި އިސްކޮށް ހުންނެވީ ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މި ވަފްދުގައި ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމާއި، ޕީޕީއެމްގެ ސެކެއްޓަރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. 

ޕީޕީއެމްގެ ވަފްދު މިއަދު ވަނީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރ ލިޔު ހުއިޔާންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން ޕީޕީއެމްގެ ތަރައްޤީއަށް އެހީތެރިކަން ދިނުމާއި، ޔުނާން ޕްރޮވިންސްގެ ފަރާތުން ޕީޕީއެމްގެ ކުރިއެރުމަށް އެހީތެރިކަން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. 

img:http://s3.psmnews.mv/images/660x400/14815550578662.jpg|ޕީޕީއެމްގެ ވަފްދުގެ ބޭފުޅުން ޗައިނާގެ ޔުނާން ޕްރޮވިންސްގެ އިސްބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ޗައިނާގައި ހުންނަވައި، ޕީ.އެސް.އެމްއަށް ދެއްވި އިންޓަރވިއުއެއްގައި ޕީޕީއެމްގެ ސެކެއްޓަރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ މި ބައްދަލުވުމުގައި ބައިވެރިވި ޗައިނާގެ އޮފިޝަލުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ތަރައްޤީގެ އެޖެންޑާއަށް ތަޢުރީފްކުރައްވައި ވާހަކަދައްކަވާފައިވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ޗައިނާ ސަރުކާރުގެ އިސްވެރިންނާ ޙިއްޞާކުރެއްވި ތަރައްޤީގެ ވިސްނުންފުޅަކީ ކާމިޔާބު ވިސްނުންފުޅަކަށް ވާނެކަމަށް ޤަބޫލުކުރައްވާކަމަށް ޔުނާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު ވިދާޅުވެފައިވާކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ. އަދި ޕީޕީއެމަށާއި ދިވެހި ސަރުކާރަށް ފައިވާގޮތަށް ޔުނާން ޕްރޮވިންސުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެފަރާތުން ދެއްވާފައިވާމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

ކޮމިޔުނިސްޓް ޕާޓީގެ ދަޢުވަތަކަށް ޕީޕީއެމްގެ އޮފިޝަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ވަނީ އެޤައުމުގެ ފޮރިން މިނިސްޓްރީގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާކަމަށް ޕީޕީއެމުން މަޢުލޫމާތުދެއެވެ. ޕީޕީއެމްގެ ވަފްދު މާދަމާ ޗައިނާގެ ބެއިޖިންއަށް ވަޑައިގެން ޗައިނާގެ މައިސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.