ކުޅިވަރު

އަތޮޅުތައް ހިމެނޭގޮތަށް، ފުޓްބޯޅަ އޮނިގަނޑަށް ބޮޑަތި ބަދަލުތަކެއް


ރާއްޖޭގެ ފުޓްބޯޅައަށް މިދިޔަ ދުވަސްތަކުގައި ކުރިމަތިވި އެންމެ ބޮޑު ޗެލެންޖަކީ ފުޓްބޯޅަ އެސޯސިއޭޝަންގެ ތެރޭގައި އޮތް ނުތަނަވަސްކަމެވެ. އެއިދާރާގެ ތެރޭގައި އޮތް ކޯޅުމާއި، އެތަނަށް ވަނުމަށް ކުރި މަސައްކަތްތަކުގައި ފުޓްބޯޅަ އާއިލާގެ މެމްބަރުންގެ މެދުގައި އޮތް ނުތަނަވަސްކަމެވެ. ނަމަވެސް މިހާރު އެކަން ހަމައަކަށް އެޅުނީކަމަށް ފުޓްބޯޅަ އާއިލާވެސް އުއްމީދުކުރެއެވެ. ކުރިއަށް އޮތް 4 އަހަރުގެ ދައުރު މިހާރުގެ ހިންގާ ކޮމިޓީއަށް ލިބި ފުޓްބޯޅަ ކުރިއަށްގެންދިއުމަށް ހުރި ހުރަސްތަކާއި ކުރިމަތިލިމުގެ ފުރުޞަތު ލިބޭނެކަމަށް ފުޓްބޯޅަ އާއިލާވެސް އަދި އާ ހިންގާ ކޮމިޓީވެސް ތިބީ ޤަބޫލުކޮށްގެންނެވެ. 

އެންމެ ބޮޑު އުފާވެރިކަމަކީ އަތޮޅުތެރޭގައި ފުޓްބޯޅަ ވަޞީލަތްތައް ޤާއިމްކޮށް، އަތޮޅުތަކުގައި ތިބި ކުޅުންތެރިންނަށް ޚާއްޞަ ސަމާލުކަމެއްދޭނެކަމަށް އެސޯސިއޭޝަންގެ އާ ރައީސްގެ ވައުދެވެ. އިންތިޚާބުގައި ވޯޓްލުމުގެ ކުރިން ފުޓްބޯޅަ ކްލަބްތަކާ މުޚާތަބުކުރައްވަން ލިބުނު ފުރުޞަތުގައިވެސް ވިދާޅުވި އެއް ވާހަކައަކީ އަތޮޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ވާހަކައެވެ. އިންތިޚާބަށްފަހުވެސް އެންމެ ބޮޑަށް ދައްކަވާ އެއްވާހަކައަކީ އެއީއެވެ. އެކަމަށް އަމަލީ ސިފަ ގެންނެވުމުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފައްޓަވާފައެވެ.

ކުރިއަށް އޮތް އަހަރުގެ ފުޓްބޯޅަ ސީޒަން އަވަހަށް ފަށަން ވިސްނަވާ އެމަގަށް މަސައްކަތް ކުރައްވަމުންގެންދަވާއިރު ފުޓްބޯޅަ އޮނިގަނޑަށް ބަދަލުތަކެއް ގެންނާނެކަމަށް އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ. އެބަދަލުތައް ގެންނަވަނީ އަތޮޅުތައް ޝާމިލްވާގޮތަށް އެންމެ މަތީ ފަންތީގައި ވާދަކުރުމުގެ ފުރުޞަތު އަތޮޅުތަކުގެ ޓީމްތަކަށް ލިބޭގޮތަށެވެ. އަތޮޅުތަކުގައި ތިބި ކުޅުންތެރިންނަށްވެސް ޤައުމީ ޓީމާ ހަމައަށް ދެވޭނެ ފަސޭހަ މަގެއް ކޮށޭ ގޮތަށެވެ.

" ޕްރިމިއަރ ލީގު ބައްޓަން ކުރާނީ އަތޮޅުތަކުގެ ޓީމްތަކަށްވެސް ވާދަކުރެވޭގޮތަށް. ފުރަތަމަ ޑިވިޝަންގެ ހަތަރު ޓީމާއި، އަތޮޅުތަކުގެ ހަތަރު ޓީމް ވާދަކުރާ ގޮތަށް. އަތޮޅު މުބާރާތުން ހަތަރު ޓީމް ޕްރިމިއަރ ލީގަށް އާދެވޭގޮތަށް ފޯމެޓް ބަދަލުކުރުމަށް މަސައްކަތް މިކުރަނީ. ފުރަތަމަ ޑިވިޝަންގެ ކްލަބަކަށް ވީތީ ޕްރިމިއަރ ލީގު ކުޅެވެން ޖެހޭ އުޞޫލު ބަދަލުކޮށް، މަސައްކަތްކޮށްގެން ލީގަށް ދާން ޖެހޭގޮތަށް ބަދަލުކުރާނީ. " ބައްސާމް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14815327184718.jpg|ޕްރެޒިޑެންޓްކަޕް ފައިނަލްގައި އީގަލްސްއާއި ޓީސީ ވާދަކުރަނީ. އަންނަ އަހަރު އަތޮޅުތަކުގެ ޓީމްތައް ފެންނާނެ: ފޮޓޯ- ޕީއެސްއެމް

މިބަދަލުތައް ގެންނަވާއިރު އޮނިގަނޑު ބަދަލުވެގެންދާނީ ކުރިން މާލޭ ލީގާއި، ދިވެހި ލީގު އޮތް ފޯމެޓާއި އެއްކަހަލަ ގޮތަކަށެވެ. ނަމަވެސް އޭރު ފުރުޞަތު ލިބުނީ އަތޮޅު ތެރޭގެ ދެ ޓީމަށާއި، ފުރަތަމަ ޑިވިޝަންގެ ހަ ޓީމަށެވެ. އާ އޮނިގަނޑުގެ ދަށުން އަތޮޅުތެރޭގެ ޓީމްތަކުގެ ބައިވެރިވުން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކާއި އެއްވަރަކަށް ލިބޭނެއެވެ. އަދި މިއޮނިގަނޑުގެ ދަށުން އޮޓޮމެޓިކް ރެލިގޭޝަން އުވި، ވާދަކޮށްގެން ގަދަ ޓީމްތައް ފުރަތަމަ ޑިވިޝަންގައި އޮންނަ ގޮތަށް ބަދަލުވާނެއެވެ.

" ފުރަތަމަ ޑިވިޝަންގެ ޓީމްތަކުގެ މެދުގައި ކުޅޭނީ މާލޭ ލީގު. އޭގެތެރެއިން ހަތަރު ޓީމް ޕްރިމިއަރ ލީގަށްދާއިރު، އަނެއް ހަތަރު ޓީމް ދާނީ ދިވެހި ލީގަށް. ދިވެހި ލީގުގައި ވާދަކުރާނެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަނުންނާއި، ރަނަރަޕް. އޭގެތެރެއިން ހަތަރު ޓީމް ޖެހިގެން އަންނަ އަހަރުގެ މާލޭ ލީގަށް ނުވަތަ ފުރަތަމަ ޑިވިޝަނަށް ދާނީ. މަސައްކަތްކޮށްގެން ޕްރިމިއަރ ލީގަށްދެވޭނީ. ކްލަބްތަކުންވެސް މިއުޞޫލަށް ސަޕޯޓްކުރޭ. " އާ އޮނިގަނޑު ނުވަތަ ފޯމެޓް ބައްޓަން މަސައްކަތްކުރައްވާ ގޮތް ޙިއްޞާކުރައްވަމުން ބައްސާމް ވިދާޅުވިއެވެ.

މިބަދަލުތައް ގެނައުމުގައި މައިގަނޑު ދެ ބޭނުމެއް ނުވަތަ ހާޞިލްކުރަން ބޭނުންވާ ދެކަމެއް އެބައޮތެވެ. އެއްކަމަކީ އަތޮޅުތަކަށް ފުރުޞަތުދީ، ހުނަރުވެރި ކުޅުންތެރިން ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމެވެ. އަދި އެންމެ މަތީ ފަންތީގައި ވާދަކުރުމުގެ ފުރުޞަތު އަތޮޅުތަކުގެ ޓީމްތަކަށް ލިބިދިނުމެވެ. ދެވަނަ ބޭނުމަކީ ގެއްލި ވަޅުޖެހިފައިވާ ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމެވެ.

" އެންމެ ފަހުން އަޅުގަނޑުމެންނަށް ފެނުނު އަތޮޅު ފައިނަލްގައި އޭދަފުއްޓާއި ތިމަރަފުށި ކުޅުނު އިރު ދަނޑު ފުރިފަ އޮތްތަން. މިސާލަކަށް އޭދަފުއްޓާއި މާޒިޔާ ކުޅޭނަމަ އޭދަފުށި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނެ. އޭރުން މާޒިޔާއަށް އެބަ މަޖުބޫރުވެ އެމީހުންގެ ސަޕޯޓަރުން ދަނޑަށް ވަންދަން. އެފޯރި ގެނައުން ބޭނުމަކީ " ފުޓްބޯޅަ ފޯރި ގެނައުމަށް ހުރި ވިސްނުންތައް ބައްސާމް ޙިއްޞާކުރެއްވިއެވެ. 

ބައްސާމް ވިދާޅުވީ އަތޮތަކުގެ ޓީމްތައް ހަމަ މާލެގެނެސް ދޫކޮށްނުލައްވާނެކަމަށާއި، އެޓީމްތަކަށް މާލޭގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށެވެ.

" ޓީމްތައް މާލޭގައި ރަނގަޅަށް އެކޮމެޑޭޓް ކުރެވޭވަރު ކުރާނަން. ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށްދޭވަރުގެ ސަބްސިޑީއެއް ނުދެވުނަސް އޭގެ ދެބައިކުޅަ އެއްބައި ނަމަވެސް ދޭނަން. ޔަޤީނުންވެސް މާލޭގައި ކައިގެން ރަނގަޅަށް ތިބެވޭނެ ވަރުކޮށްދޭނަން. " އަތޮޅުތަކަށް ދެއްވާ ސަމާލުކަން ހާމަކޮށްދެއްވަމުން ބައްސާމް ވިދާޅުވީ މިހެންނެވެ.

އާއޮނިގަނޑު ނުވަތަ ފޯމެޓާއެކު ސީޒަން ފެބްރުއަރީމަހު ކުރީކޮޅު ފަށަން އެފްއޭއެމްއިން މަސައްކަތްކުރައްވަނީ އޭއެފްސީކަޕްގައި ވާދަކުރާ ރާއްޖޭގެ ދެޓީމަށް އެމުބާރާތުގެ ކުރިން މެޗުތަކެއް ކުޅުމުގެ ފުރުޞަތު ދިނުމަށެވެ. މާބޮޑު ފުރުޞަތުތަކެއް ހޯދައި ނުދެވުނު ނަމަވެސް ހަތަރު ފަސް މެޗެއް ނަމަވެސް އޭއެފްސީކަޕްގެ ކުރިން ރާއްޖޭގެ މުބާރާތްތަކުގައި ކުޅުމުގެ ފުރުޞަތު ހޯދައިދިނުމަށް އެއިދާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

މިބަދަލުތަކާއެކު އަންނަ ހަފްތާގެ ތެރޭގައި އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ކަލަންޑަރު އިއުލާންކުރެވޭވަރުވާނެކަމަށް އެފްއޭއެމްއިން އުއްމީދުކުރައްވައެވެ.