ޚަބަރު

ކޮރަޕްޝަން ނައްތާލުމަށް، ދީނީ އަޤީދާ ވަރުގަދަކުރަންޖެހޭ- ދިރާސާ


ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރަންވީ އެންމެ މުހިންމު މަސައްކަތަކީ މުޖުތަމަޢުގެ ދީނީ އަޤީދާ ވަރުގަދަކުރުންކަމަށް ފުވައްމުލަކުގައި އޭސީސީން ކުރެއްވި ދިރާސާއަކުން ދައްކައިފިއެވެ.

ކޮރަޕްޝަނާމެދު ޢާންމުން ދެކޭގޮތް ބެއްލެވުމަށް މިއަހަރުގެ އޭޕްރީލް މަހުގެތެރޭގައި ކުރެއްވި މި ދިރާސާގެ ރިޕޯޓް ނެރުއްވާފައިވަނީ މިއަދުއެވެ.

ކޮރަޕްޝަނާމެދު ޢާންމުން ދެކޭގޮތް ބެއްލެވުމުގެ ފުރަތަމަ ދިރާސާ ކުރައްވާފައި ވަނީ ހދ އަތޮޅުގައެވެ. އަދި ދެވަނަ ދިރާސާ ކުރައްވާފައިވަނީ ސިވިލް ސާރވަންޓުންނަށް އަމާޒުކުރައްވައިގެންނެވެ.

ތިންވަ ދިރާސާ ކުރިއަށް ގެންދެވީ ވަނީ ޏ. ފުވައްމުލަކުގެ ރައްޔިތުންނަށް އަމާޒުކުރައްވައިގެންނެވެ. މި ދިރާސާ ކުރެއްވީ މިއަހަރުގެ އޭޕްރީލްމަހު ފުވައްމުލަހުގައި ފާހަގަކުރި ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރެއްވުމުގެ ހަރަކާތްތަކުގެ ތެރޭގައެވެ. މި ދިރާސާގައި އެރަށުގެ 15 އަހަރުން މަތީގެ 400 މީހުންނާ ސުވާލުކުރައްވާފައިވެއެވެ.

އޭސީސީން ކުރެއްވި މި ދިރާސާއިން ދައްކާ ގޮތުގައި ކޮރަޕްޝަން ނައްތާލުމަށް ކުރަންވީ އެންމެ މުހިންމު މަސައްކަތަކީ މުޖުތަމަޢުގެ ދީނީ އަޤީދާ ވަރުގަދަކުރުމެވެ. %59 މީހުން މިގޮތަށް ދެކޭކަމަށް މި ދިރާސާއިން ދައްކައެވެ. އަދި ކޮރަޕްޝަން ހިންގާ ފަރާތްތަކަށް ބޮޑެތި އަދަބު ދިނުމާއި، ނަޒާޙަތްތެރިކަން ކުރިއެރުވުމާއި، މުޖުތަމަޢުގެ ފުދުންތެރިކަން އިތުރުކުރުންވެސް ކޮރަޕްޝަން ނައްތާލަން ކުރެވޭނެ މަސައްކަތްތަކުގެ ތެރޭގައި ހިމަނަންޖެހޭކަމަށް ދިރާސާއިން ދައްކައެވެ.

ކޮރަޕްޝަން ނައްތާލެއްވުމަށް އެންމެ އިސްދައުރެއް އަދާކުރެއްވޭނެ އެންމެ މުހިންމު ފަރާތްތަކަކީ ސަރުކާރާއި، ރައްޔިތުންކަމަށްވެސް ދިރާސާއިން ވަނީ ދައްކާފައެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހާއި، ކޯޓުތައް އަދި މީޑިއާގެ ދައުރުވެސް މިކަމުގައި އެބައޮތްކަމަށް ދިރާސާއިން ދައްކައެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރަން އެންމެ ފަސޭހަ ވަޞީލަތަކީ ފޯނުކަންވެސް ދިރާސާއިން ހާމަވެފައެއެވެ.

ދިރާސާ ރިޕޯޓް ނެރެދެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް ވިދާޅުވީ، މި ދިރާސާގެ ނަތީޖާއަށް ބައްލަވައި، އޭސީސީގެ މަސައްކަތްތަކަށް ބަދަލުގެންނަވަން ޖެހޭކަމަށެވެ. އެގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އިތުރުކުރައްވައި، ނަޒާޙަތެރިކަމުގެ މަޢުލޫމާތު ގޭބީސީތަކަށް ދެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ލުޠުފީ ވިދާޅުވީ، ކޮރަޕްޝަން ނައްތާލެއްވުމަށް ކުރެއްވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އަންނަ އަހަރު، ސަރުކާރާއި އެކޮމިޝަނާއި އެހެނިގެން އިދާރާތައް ގުޅިވަޑައިގެން މަހާސިންތާއެއް ބާއްވަވާނެކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް ނަޒާޙަތްތެރި މުޖުތަމަޢެއް ބިނާކުރެއްވުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކުރެއްވި ބިތުފަންގި ޓީވީ ސިލްސިލާ ބެލުމަށް އެންމެ މަޤުބޫލް ޓީވީ ޗެނަލްއަކީ ޓީވީ މޯލްޑިވްސް ކަމަށްވެސް މިދިރާސާއިން ދައްކާފައިވެއެވެ. %92 މީހުން މި ސިލްސިލާ ބަލާފައިވަނީ ޓީވީއެމުންނެވެ. ބިތުފަންގި ސިލްސިލާގެ ތިންވަނަ ޢަދަދުވެސް މި ރަސްމިއްޔާތުގައި އިފްތިތާޙުކުރައްވާފައިވެއެވެ.