ޚަބަރު

އިންޓަރނޭޝަނަލް ސީރަތު ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ


ދުނިޔޭގެ މުސްލިމު ޖަމާޢަތްތަކަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމާ ބެހޭގޮތުން ޕާކިސްތާނުގައި މިއަދު ފެށި ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވަމުން އެބަދެއެވެ. ލާހޫރުގައި ބާއްވާ ދެދުވަހުގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އަލްއުސްތާޛް ޢަލީ ވަޙީދާއި އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރ ޙުސައިން މަޢުރޫފެވެ.

''އިންޓަރނޭޝަނަލް ސީރަތު ކޮންފަރެންސް 2016 '' ގެ ނަމުގައި ބާއްވާ މިބައްދަލުވުމަކީ، ޕާކިސްތާނާއި ދުނިޔޭގެ އެހެން ޤައުމުތަކުގައި ދިރިއުޅެމުން އަންނަ މުސްލިމު ޖަމާޢަތަކަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް މުސްލިމް އެހެން ޤައުމުތަކުން ކުރާ ބައިނަލްއަޤުވާމީ ފެންވަރުގެ މަސައްކަތުގައި ޕާކިސްތާނު ސަރުކާރުގެ ބައިވެރިވުން އޮތްކަން ހާމަކޮށް، މިގޮތުގެ މަތިން ހަރުދަނާ މަސައްކަތްތަކެއް ކުރަން ފެށުމެވެ.

މި މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ބައިގައި، މުސްލިމް ޤައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު 4 ކަމަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އޭގެތެރޭގައި ތަފާތު ދީންތަކުގެ މީހުން އެއް ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ މުޖްތަމަޢުތަކުގެ އަމާންކަމާއި ޞުލްޙަވެރިކަމުގެ މުހިންމުކަމާއި އެކަމަށްޓަކައި ކުރެވިދާނެ މަސައްކަތްތައް ހިމެނެއެވެ. އަދި ޒަމާނީ މީޑިއާގެ މުހިންމުކަމާއި މީޑިއާގެ ވަޞީލަތްތަކުގެ ބޭނުންކުރެވޭނެ އެންމެ އެކަށޭނެ ގޮތްތަކާއި، ދީނީ ޢިލްމުވެރިންގެ މުހިންމުކަމާއި ދީނީ ޢިލްމުވެރިންގެ ދައުރުވެސް ހިމެނެއެވެ.

މި ބައްދަލުވުމުގައި، މުސްލިމުންނަކީ ނުރައްކާތެރި ބައެއްގެ ގޮތުގައި ދުނިޔެއަށް ދައްކުވައިދޭން ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރާ މިފަދަ ދަނޑިވަޅެއްގައި، އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ހުރިހާ ޤައުމުތަކުން ގުޅިގެން ޒަމާނީ ވަޞީލަތްތަކުގެ ތެރެއިން ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ދިގު ރާސްތާ ފިޔަވަޅުތަކަކާމެދު މަޝްވަރާކޮށް ނިންމުންތަކެއް ނިންމުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން އިސްލާމް ދީނުގެ ދިފާޢުގައި ކުރާ މަސައްކަތްތައް ހުއްޓާނުލައި، އަންނަން އޮތް ޖީލުތަކަށް ދެމިގެންދާހެން ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް، ޤައުމުތަކުގެ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއްވެސް މި ބައްދަލުވުމުގައި ނިންމެވުމަށް ހަމަޖެހިފައިވެއެވެ.