ޚަބަރު

ރައީސްގެ އިޤްތިޞާދީ ސިޔާސަތު ޤައުމުގެ މުސްތަޤްބަލަށް މުހިންމު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިންގެ އިޤްތިޞާދީ ސިޔާސަތަކީ މި ރާއްޖޭގެ މުސްތަޤްބަލް ބިނާކުރުމަށް ވަރަށް މުހިއްމު ސިޔާސަތެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ހއ އަތޮޅުގެ ރަށްތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އުތީމްގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އިޤްތިޞާދީ ވަޒީރު ހއ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނާއެކު، ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުއްލަތީފް، ހއ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އަދި ބާރަށު ދާއިރާގެ މެމްބަރު އިސްމާޢީލް ސުޖާޢު ބައިވެރިވެވަޑައިގެންފައިވެއެވެ.

ހއ. އުތީމްގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، އެކިއެކި ދާއިރާތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރެއްވުމަކީ ރައީސް ޔާމިން ވަރަށް އަހަމިއްޔަތުކަމެއް ދެއްވަވާކަމެއްކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ ދާއިރާތައް ފުޅާނުކުރެވި ހަމައެކަނި ޓޫރިޒަމް ސިނާޢަތަށް ބަރޯސާވެގެން ތިބެން ވެއްޖެނަމަ، ކުރިއަށްއޮތްތަނުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިޤްތިޞާދު ފުޅާކުރެއްވުމަށް ރައީސް ޔާމިން ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އަޅިއަޅުއްވާލަމުން މިނިސްޓަރ ވިދާޅުވީ، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރެއްވުމާއި، ޤައުމުތަކާއިއެކު ފްރީޓްރޭޑް އެއްބަސްވުންތައް ޤާއިމް ކުރެއްވުމާއި، އެސްއީޒެޑާ، އަދި އައިހެވަން ފަދަ މަޝްރޫއުތައް ފާހަގަކޮށްލެވޭކަމަށެވެ. މިފަދަ މަޝްރޫއުތައް މިހާރު ފަށައިގެން ނޫނީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މުސްތަޤްބަލް އުޖާލާ ކުރެވެން ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުން އަތޮޅުތެރޭގެ ރައްޔިތުންގެ ތަރައްޤީއަށް ވަރަށްބޮޑު އަހަމިއްޔަތުކަމެއް ދެއްވަވާކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓަށް ބަލާއިރު، އަތޮޅުތެރޭގެ ތަރައްޤީއަށް ބޮޑު އަދަދެއް ކަނޑައަޅުއްވާފައިވާކަން ހޯރަފުށީ ދާއިރާގެ މެމްބަރު ފާހަގަކުރެއްވިއެވެ.

ހއ ދާއިރާގެ ރަށްތަކުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫއުތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބުދުލްލަތީފް ވިދާޅުވީ، ހއ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތްކުރައްވަމުންގެންދަވަނީ ވަރަށްބޮޑަށް ގުޅިގެންކަމަށެވެ. ސަރުކާރުގެ އެއްބާރުލެއްވުމާއިއެކު އަތޮޅުތެރޭގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތް ވަރަށް ކާމިޔާބުކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގަ ވާހަކަފުޅު ދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު، އިސްމާއީލް ސުޖާއު ވިދާޅުވީ އަތޮޅުތެރޭގެ ތަރައްޤީއަށް ރައީސް ޔާމީން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަކީ ނަމޫނާއެއްކަމަށެވެ. މިގޮތުން ރާއްޖޭގެ އިޤްތިޞާދާ، އަތޮޅުތެރޭގެ ތަރައްޤީއަށް މިހާރު އަންނަމުންދާ ހެޔޮ ބަދަލުތައް ކުރިއަށްއޮތްތަނުގައި ގެންނަވަން ބޭނުންފުޅުނަމަ ކުރިއަށްއޮތް ދައުރަށް ރައީސް ޔާމިން އިންތިޚާބު ކުރައްވަން ޖެހޭކަމަށް ސުޖާއު ވިދާޅުވިއެވެ.

ހއ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި އިޤްތިޞާދީ ވަޒީރާ، އެދާއިރާއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން 9 ރަށަކަށް ވަޑައިގެންފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، ދިއްދޫ، ތުރާކުނު، އުލިގަމް، ހޯރަފުށި، އިހަވަންދޫ، ތަކަންދޫ، މުރައިދޫ، އުތީމް އަދި ބާރަށެވެ. މި 9 ރަށަށް ކުރެއްވި ޒިޔާރަތުގައި މިބޭފުޅުން ވަނީ އެ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެރަށްތަކުގައި ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ އެކިއެކި މަޝްރުއުތަކާއި، ހއ އަތޮޅަށް އަމާޒް ކުރައްވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫއުތަކާއި ބެހޭ މަޢުލޫމާތު އެރަށްތަކުގެ ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.