ޚަބަރު

މިއަހަރު 218 ފަރާތަކަށް އިތުރު ފުރުޞަތު ދެވުނު - ޕީޖީ


ކުށުގެ ތުހުމަތުގައިވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމުގެ އުޞޫލަކީ ކުށުގެ ތުހުމަތުގައި ދައުވާ ކުރެވޭ ކުދިންނާއި މީހުންގެ ތެރެއިން ފުރަތަމަ ފަހަރަށް ކުށްކުރާ، އަދި ނިސްބަތުން ކުދި ކުށްކުރާ ކުދިންނާ މީހުންނަށް ކުށުގެ ޢަމަލު ހިންގި ގޮތަށް ރިޢާޔަތް ކުރުމަށްފަހު ކުށް އިޞްލާޙް ކުރުމުގެ ފުރުޞަތު ދިނުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލެކެވެ. 

މި އުސޫލުގެ ދަށުން އިތުރު ފުރުސަތައް އެދި ހުށައެޅުމުން އިތުރު ފުރުޞަތު ދިނުމާމެދު ގޮތެއް ނިންމަވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރުންނާއި، ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލައްވާ ކޮމިޓީއަކުންނެވެ.

ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް އިތުރު ފުރުޞަތު ދެއްވުމާބެހޭ އުޞޫލުގައިވާ ގޮތުން އިތުރު ފުރުޞަތު ދިނުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ތެރޭގައި ކުށުގެ ކުޑަ ބޮޑުމިނާއި ކުށުގެ ބާވަތާއި، ކުށް ކޮށްފައިވާ ގޮތާއި ހާލަތާއި، ތުހުމަތު ކުރެވިފައިވާ ކުށުގެ ދަރަޖަ ހިމެނެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުއާޓަރލީ ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުން މިއަހަރުގެ ތިންވަނަ ކުއާޓާރގެ ތެރޭގައި ޖުމްލަ 78 ފަރާތަކަށް އިތުރު ފުރުޞަތު ދެއްވުމާ ބެހޭގޮތުން ގޮތެއް ކަނޑައަޅުއްވާފައިވެއެވެ. މީގެތެރެއިން 41 ފަރާތަކަށް އިތުރު ފުރުޞަތު ދެއްވުމަށް ނިންމަވާފައިވެއެެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ޖުމްލަ 218 ފަރާތަކަށް މިއުސޫލުގެ ދަށުން އިތުރު ފުރުސަތު ދެއްވާފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރު ކުށުގެ ތުހުމަތުގައިވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމުގެ އުޞޫލުގެ ދަށުން 414 ފަރާތަކަށް ވަނީ އިތުރު ފުރުޞަތު ދެއްވާފައެވެ.

ދައުލަތުގެ ބަންޑާރަނައިބު ކަނޑައަޅުއްވައިފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލުކުރައްވާނެ ސިޔާސަތުގައި ވަނީ ފުރަތަމަ ފަހަރަށް ކުށްކުރާ، އަދި ނިސްބަތުން ކުދި ކުށްކުރާ ފަރާތްތަކަށް ކުށުގެ ޢަމަލު ހިންގި ގޮތަށް ރިއާޔަތްކުރެއްވުމަށްފަހު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ވީވަރަކުން ނުވަންނަގޮތަށް ކަންކަން ހަމަޖައްސަވަން ވާނެކަމަށެވެ. މި ނިޒާމު އިތުރަށް ހަރަދަނާ ކުރެއްވުމުގެ މަސައްކަތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ގެންދަވަނީ ކުރައްވަމުންނެވެ.