ޚަބަރު

"ހީވާގި ކަނބަލުން" މައުރަޒު ބާއްވަވާ ތާރީޚް ފަސްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން "ހީވާގި ކަނބަލުން" ގެނަމުގައި ބޭއްވެވުމަށް ހަމަޖެހިފައިވާ މަސައްކަތްތެރިކަމުގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަމަހުގެ 15 އަށް އިތުރުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުން ވިދާޅުވެއްޖެއެވެ.

"ހީވާގި ކަނބަލުންގެ" އަތްތެރި މަސައްކަތުގެ މަޢުރަޒު ބޭއްވެވުމަށް މިހާރު ހަމަޖައްސަވަފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ން 27 އަށް ދަރުބާރުގޭގައެވެ. މީގެ ކުރިން މި ޑިސެމްބަރުމަހުގެ ބާވީހުން ސައުވީހަށް ބާއްވަވަން ނިންމަވާފައިވާ މި މައުރަޒު ފަސްކުރައްވާފައިވަނީ މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ވީހާވެސް ގިނަ ފަރާތްތަކަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ.

މި މަޢުރަޒުގެ މަޤުޞަދަކީ ދިވެހި އަންހެން ކަނބަލުންގެ ހުނަރުވެރި މަސައްކަތްތައް އެއްތަނަކުން ފެންނާނެ އިންތިޒާމެއް ހަމަޖެއްސެވުމެވެ. މި މަޢުރަޒު ބޭއްވެވުމަށް ނިންމަވާފައިވަނީ މައިގަނޑު 4 ދާއިރާއަކުން، 21 ގިންތިއެއް ހިމަނުއްވައިގެންނެވެ. އެއީ ވަކިވަކި އަންހެން ކަނބަލުންގެ ދާއިރާއާއި އަންހެން ކޮމެޓީތަކުގެ ދާއިރާއާއި ކްލަބް ޖަމްޢިއްޔާތަކުގެ ދާއިރާއާއި ޚާއްޞަ އެހީއަށް ބޭނުންވާ އަންހެން ކަނބަލުންގެ ދާއިރާއެވެ. މި 4 ދާއިރާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގައިވެސް އަންހެން ކަނބަލުންގެ ހުނަރު ދައްކުވައިދޭ ކިތަންމެ ކުޑަ މަސައްކަތެއްވެސް ބައިވެރިކުރެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުން ހާމަކުރައްވައެވެ.

މި މަޢުރަޒުގެ މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮއްވެވުމަށް ހަމަޖެހިފައިވެއެވެ. އަދި މައިގަނޑު 4 ދާއިރާއާއި، އެކި ގިންތިތަކުންވެސް ވަނަ ހޮއްވެވުމަށް ނިންމަވާފައިވެއެވެ. މީގެ އިތުރުން މި މަޢުރަޒުގައި މުޅި ޖުމްލަ 75 އިނާމަށްވުރެ ގިނަ އިނާމް ދެއްވާނެކަމަށް މި މައުރަޒުގެ އިންތިޒާމް ކޮމެޓީގެ މެންބަރުން ވިދާޅުވެއެވެ. އަދި މަޢުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ރެއަކުވެސް ނަސީބުވެރިއަކު ހޮއްވަވާނެ ކަމަށްވެސް އިންތިޒާމް ކޮމެޓީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.