ކުޅިވަރު

ތަމްރީން ޕްރޮގްރާމްގައި ވޮލީ ޓީމްގެ ފުރަތަމަ މޮޅު


ރަޙުމަތްތެރިކަމުގެ މެޗުގައި ސްރީލަންކާގެ ނޭޝަނަލް ޔޫތު ސާރވިސަސް ކައުންސިލާ ބައްދަލުކުރި މެޗުން ރާއްޖޭގެ ޤައުމީ ވޮލީ ޓީމް މޮޅުވެއްޖެއެވެ. 

ސައުތުއޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިހާރު ސްރީލަންކާގެ ނިގަމްބޯގައި ތަމްރީނު ހަދަމުންދާ ޤައުމީ ސީނިއަރ ފިރިހެން ވޮލީޓީމް އިއްޔެ ކުޅުނު މެޗުން މޮޅުވީ ސީދާ ތިންސެޓުންނެވެ. މެޗްގެ ސެޓްތައް ރާއްޖެ ގެންދިޔައީ 25-21، 26-24 އަދި 25-22 ނެވެ. މީ މިތަމްރީނު ޕްރޮގްރާމްގެ ތެރެއިން ރާއްޖެ ކުޅުނު ފަސްވަނަ މެޗެވެ. އަދި މިހާތަނަށް ކުޅުނު މެޗްތަކުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗްވެސްމެއެވެ. 

އަދިވެސް އިތުރު ފަސް މެޗް ކުޅުމަށް ޓީމްގެ މެނޭޖްމަންޓުން ވަނީ ރާވާފައެވެ. 21 ދުވަހުގެ މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ދެން މެޗެއް ކުޅޭނީ އަންނަ ހޯމަދުވަހުއެވެ. އެމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ޕޯޓްސް އޮތޯރިޓީގެ ވޮލީ ޓީމާއެވެ. ރާއްޖޭގެ ވޮލީޓީމް ސްރީ ލަންކާގައި ތަމްރީނު ހަދަމުންދަނީ ސްރީލަންކާގެ ޤައުމީ ވޮލީޓީމްގެ ކުރީގެ ހެޑްކޯޗް ކުމާރާ ވެންޑަކޫންގެ އިރުޝާދުގެ ދަށުންނެވެ.

ތަމްރީންތަކަށްފަހު މިމަހުގެ 17 ވަނަ ދުވަހު މާލެއައިސް ޓީމް ފުރާނީ އޭވީސީ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތަށެވެ. ބަނގްލަދޭޝްގައި މިމުބާރާތް އޮންނާނީ މިމަހުގެ 19 ން 30 އަށެވެ.