ކުޅިވަރު

ޒަވީއަށްފަހު، ޕްޔޯލްވެސް ރާއްޖެއަށް


ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލޯސް ޕްޔޯލް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ރާއްޖެ އަންނަނީ ނ.އަތޮޅުގައި މިހާރު ކުރިއަށްދާ ސިޔާމް މައުރޫފް ސޮކަރ ކަޕްގެ ފައިނަލް މެޗުގެ ޚާއްޞަ ޝަރަފްވެރިމެހުމާނެއްގެ ގޮތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ނ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މުބާރާތުގައި މިފަހަރު އަތޮޅުގެ މިޙުން އުޅޭ 13 ރަށުންވެސް ވާދަކުރެއެވެ. ފައިނަލް މެޗު އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަތޮޅު ތެރޭގައި މިހާރު ކުރިއަށްގެންދާ އެންމެ އަގުބޮޑު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ މިމުބާރާތަކީ، އެންމެ ފޯރިގަދަވެސް އެއް މުބާރާތެވެ.

ކާލޯސް ޕްޔޯލަކީ ބާސެލޯނާގެ ސީނިއަރ ޓީމަށް ތިންސަތޭކަ ނުވަދިހައަށްވުރެ ގިނަ މެޗު، އަދި ސްޕެއިންގެ ޤައުމީ ޓީމަށް 100 މެޗު ކުޅެދީފައިވާ އިތުބާރު ޑިފެންޑަރެކެވެ. ކްލަބް ލެވެލްގައި ލަލީގާ 6 ފަހަރު އަދި ޗެމްޕިއަންސް ލީގު 3 ފަހަރު ހޯދާފައިވެއެވެ. ސްޕެއިންގެ ޤައުމީ ޓީމާއެކު 2008 ވަނަ އަހަރުގެ ޔޫރޯއާއި، 2010 ވަނަ އަހަރުގެ ވަރލްޑްކަޕްވެސް އުފުލާލިއެވެ.

ޕްޔޯލްގެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ ކެޕްޓަނެއްގެ ގޮތުގައެވެ. ޕްޔޯލްއާްއެކު އޭނާގެ އަންހެނުންވެސް ރާއްޖެ އަންނާނެކަމަށް ސިޔާމް މައުރޫފް ސޮކަރ ކަޕްގެ އޮގަނައިޒިންގ ކޮމިޓީން މައުލޫމާތުދެއްވައެވެ. ޕްޔޯލްއާއެކު ބާސާއާއި، ސްޕެއިންގެ ޤައުމީ ޓީމަށް ކުޅުނު ޒަވީވެސް ވަނީ ޚާއްޞަ މެޗެއްގައި ބައިވެރިވުމަށް މިއަހަރު ރާއްޖެ އައިސްފައެވެ.