ޚަބަރު

ތިނަދޫ މިއުޒިއަމް ޕާކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް!


ތިނަދޫ މިއުޒިއަމް ޕާރކްގެ މިއުޒިއަމް ފިޔަވައި އެހެން މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ތިނަދޫގައި ތަރައްޤީ ކުރައްވާ މިއުޒިއަމް ޕާކަކީ، ތިނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ސަރުކާރުން ތަރައްޤީ ކުރައްވަމުން ގެންދަވާ ތަނެކެވެ.

ތިނަދޫގެ ތާރީޚާއި ރާއްޖޭގެ ތާރީޚް ރަމްޒުކޮށްދޭ ގޮތަށް ތިނަދޫގައި ތަރައްޤީކުރައްވާ މިއުޒިއަމް ޕާރކްގެ މިއުޒިއަމް ފިޔަވައި އެހެން ހުރިހާ ބައިތަކެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި ނިންމެވުމަށް މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ހައުސިންގ މިނިސްޓްރީން ވިދާޅުވީ، މިއުޒިއަމްގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެތަން ތަރައްޤީ ކުރައްވަނީ، ހައުސިންގ މިނިސްޓްރީއާއި، އެމްޓީސީސީ އަދި އެމްއާރްޑީސީ ގުޅިވަޑައިގެންނެވެ. img:http://s3.psmnews.mv/images/660x400/14727096951426.jpg|ތިނަދޫގައި ތަރައްޤީކުރާ މިއުޒިއަމް ޕާކްގެ ކުރެހުމެއް / ފޮޓޯ: ހައުސިންގ މިނިސްޓްރީ

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ މިއުޒިއަމް ޕާރކްގައި ހިމެނޭ މިއުޒިއަމްގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. ހުޝާމް ވިދާޅުވީ، އިންޓަރެކްޓިވް ފައުންޓެއިންއާއި، ސްޕްލޭޝް ޕެޑްގެ މަސައްކަތް މި މަހުގެ 20 އަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ އޮގަސްޓް މަހުގެތެރޭގައެވެ. މިހާރު ކަނޑައަޅާފައިވާ ތާރީޚަށް މަސައްކަތް ނިންމަވާނެ ކަމަށް ހުޝާމް ވިދާޅުވިއެވެ.

އެތަނުގައި ހިމެނޭ ޕާރކާއި، މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުންނެވެ. މި މަސައްކަތް އެމްއާރްޑީސީން ފަށާފައިވަނީ މި އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. ޒަމާނީ ކޮންސެޕްޓަކަށް، ފަރުމާ ކޮށްގެން ހަދާ މިއުޒިއަމަކީ ބޭރުން ތައްޔާރުކޮށްގެން ގެނެސް ރާވާލާ ގޮތަށް ހަދާ ތަނެކެވެ. img:http://s1.psmnews.mv/images/660x400/7474.jpg|ތިނަދޫގައި ތަރައްޤީކުރާ ސްޕޯޓްސް ކޮމްޕްލެކްސާއި މިއުޒިއަމް ޕާކުގެ ކުރެހުމެއް - ފޮޓޯ: ހައުސިންގ މިނިސްޓްރީ

މިއުޒިއަމް ޕާރކްގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ކުންފުނިތަކާއި ޙަވާލުކުރައްވާފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢަށް 25 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.