ޚަބަރު

ބޭރު ޤައުމުތަކަށްދާ ދިވެހިން ހޭދަކުރާގޮތާ ބެހޭ ސާރވޭއެއް ހަދަނީ


ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ދިވެހިން ހޭދަކުރާގޮތާ ބެހޭ ސާރވޭއެއް މިމަހު ފަހުކޮޅު އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުރިއަށް ގެންދަން ނިންމަވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ވިދާޅުވީ މި ސާރވޭ ކުރިއަށްދާނީ މިމަހުގެ 24 ން 30 ގެ ނިޔަލަށް ކަމަށެވެ. އެމްއެމްއޭއިން ކުރިއަށް ގެންދަވާ މި ސަރވޭގެ ބޭނުމަކީ ދިވެހީންނާއި ބޭރުގެ ފަރާތްތަކާއި ދެމެދު ކުރެވޭ އިޤްތިޞާދީ މުޢާމަލާތްތަކާގުޅޭ ތަފާސްހިސާބު ތައްޔާރު ކުރެއްވުމަށް ބޭނުންވާ މަޢުލޫމާތު ހޯއްދެވުން ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

މި ސާރވޭގައި އެއްކުރެވޭނީ ރާއްޖެއިން ބޭރުގައި ދިވެހީން އެކިއެކި ކަންކަމަށް ފައިސާ ޚަރަދުކުރާ ގޮތުގެ މަޢުލޫމާތު ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. މިގޮތުން އެއްކުރެވޭ މަޢުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަޤްޞަދު، ދަތުރު ކުރި ޤައުމު، ޓިކެޓުގެ ޚަރަދު، ކެއުމާއި ހުރުމުގެ ޚަރަދު، ބޭސް ފަރުވާއަށް ކުރެވުނު ޚަރަދު އަދި ދަތުރުފަތުރަށް ހޭދަވި ޚަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިމެނޭނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ވަކިވަކި ފަރުދުންނާ ގުޅޭގޮތުން އެއްކުރެވޭ މަޢުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށްވެސް އެމްއެމްއޭއިން ދެއްވައެވެ.

މި ސަރވޭ މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރު މަހުގެ 18 އިން 24 އަށެވެ. މި ސާރވޭގެ ނަތީޖާއަށް ބަލާއިރު ސާރވޭ ކުރިއަށްދިޔަ މުއްދަތުގައި ރާއްޖެއިން ބޭރުން އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް އައިސްފައިވަނީ 7،930 ދިވެހި ފަސިންޖަރުންނެވެ. މި މީހުންގެ ތެރެއިން 3،891 މީހަކު މި ސާރވޭގައި ބައިވެރިވެ މަޢުލޫމާތު ދީފައިވެއެވެ. މިއީ މި މުއްދަތުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު ރާއްޖެއަށް އައި ދިވެހިންގެ 49 އިންސައްތަ މީހުންނެވެ. މިދިޔަ އަހަރުގެ ސާރވޭއަށް ބަލާއިރު ސާރވޭ ކުރިއަށްދިޔަ މުއްދަތުގައި އެންމެ ގިނައިން ދިވެހިން ޒިޔާރާތްކޮށްފައިވާ ގައުމަކީ އިންޑިއާއެވެ. އިންޑިއާއަށް މިމުއްދަތުގައި ޖުމްލަ 1،281 މީހުން ގޮސްފައިވާއިރު އޭތެރެއިން ކޮންމެ މީހަކުވަނީ އެވަރެޖްކޮށް 14 ދުވަސް އިންޑިޔާގައި ހޭދަކޮށްފައެވެ. އަދި އިންޑިއާގައި އެއިން ކޮންމެ މީހަކު ކޮށްފައިވާ ޚަރަދަށް ބަލާއިރު އެވަރެޖްކޮށް ކޮންމެ މީހަކު 512 ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ސާރވޭއިން ދައްކައެވެ.