ޚަބަރު

ކޮރަޕްޝަނަށް މަގުފަހިވާނެ ޢަމަލެއް ނުހިންގެވުމަށް ގޮވާލައްވައިފި


ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ކަންކަން ކުރައްވަމުން ގެންދެވުމުގައި، ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް ޢަމަލެއް ނުހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، ރައްޔިތުންނަށް ފޮނުއްވެވި ޚިޠާބުގައެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހެވެ. މިދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވި ޚިޠާބުގައި ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަކީ ސަރުކާރުގެ ވަރަށް މަތިވެރި މަޤްޞަދެއް ކަމަށާއި، މިކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދައުރު ވަރަށް ބޮޑުކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ ޢަމަލްތައް ބައްލަވައި ތަޙްޤީޤު ކުރެއްވުމަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާއަކުން އެއްވެސް ޖެހިލުމެއްނެތި ކުރައްވަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށްޓަކައި، ކަމާބެހޭ ޤާނޫނުތަކަށް އިޞްލާޙު ގެނެސް، އަދަބު ތަންފީޛު ކުރުމުގައި ހުރި ޤާނޫނީ ހުރަސްތައް ނައްތާލަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކޮރަޕްޝަންގެ  ޢަމަލުތަކުން އެއްކިބާވެވޭނީ، ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމުގެ ޒިންމާ ހަރުދަނާކޮށް، ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކޮށްގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ ޚިޠާބު ނިންމަވާލައްވާފައިވަނީ ދައުލަތުގެ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ޢަމަލުތަކަށް ފުރުޞަތު ނުދޭ، ނަޒާހަތްތެރި އިދާރާތަކަކަށް ހެއްދެވުމަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރައްވަމުންނެވެ.