ޚަބަރު

"ޑިމޮކްރަސީ ހަރުދަނާކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ"


ދެމެހެއްޓެނިވި ހަރުދަނާ ޑިމޮކްރަސީއެއް ޤާއިމުކުރެވޭނީ މުޅި މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ނިޒާމެއް ޤާއިމުކުރެވިގެންކަމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ. 

އިންޑޮނޭޝިއާގެ ބާލީގައި ކުރިއަށްދާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ފޯރަމްގައި ތަޤްރީރް ކުރައްވަމުން ފޮރިން މިނިސްޓަރ ވިދާޅުވީ ސަރުކާރާއި ދައުލަތުގެ ބާރުތަކުން ނިންމާ ނިންމުންތަކުގައި އެއްވެސް ފަރާތެއް ބާކީނުކޮށް، އެންމެން ބައިވެރިވުން ހިމެނުމަކީ ޤައުމެއްގައި ދެމެހެއްޓެނިވި ޑިމޮކްރަސީއެއް ޤާއިމުކުރުމަށް އެންމެ މުހިންމު އެއްކަންތައްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން މަސައްކަތް ކުރައްވަނީ މިފަދަ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރެއްވުމަށް ކަމަށެވެ. އެގޮތުން އެކި ފެންވަރުގައި ދައުލަތް ހިންގެވުމުގައި ފަރުދުން ބައިވެރިކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ސަރުކާރުގެ މި ސިޔާސަތުގެ ސަބަބުން ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކާއި، އިޞްލާޙީ މަސައްކަތްކުގެ ފައިދާ މުޅި މުޖުތަމަޢަށް ކުރަމުން އަންނަކަމަށާއި، އޭގެތެރޭގައި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތަކާއި، ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ މި ސިޔާސަތުގެ ސަބަބުން ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ޤާއިމުކުރުމަށް ދިމާވާ ގޮންޖެހުންތައް ކުޑަވަމުންދާކަމަށެވެ. ޑިމޮކްރަސީއަކީ ދަތުރެއްކަމަށާއި، އެކަން ޙާޞިލްކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެންކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އިންޑޮނޭޝިއާގެ ވެރިރަށް ބާލީގައި ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ފޯރަމަކީ ޑިމޮކްރަސީއަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މިއަހަރުގެ ޑިމްކޮރަސީ ފޯރަމް މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް މިއަދު ވަނީ ނޭޕާލާއި ފަލަސްތީނުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.