ޚަބަރު

މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތްކުރަންޖެހޭ- ރައީސް


ބައިނަލްއަޤްވާމީ މައްސަލަތަކަކީ ހަމައެކަނި ވަކި ޤައުމަކަށް ނުވަތަ ވަކި ޞަރަޙައްދަކަށް ދިމާވާނެ މައްސަލަތަކެއް ނޫންކަމަށާ މިފަދަ މައްސަލަތަކާ ކުރިމަތިލުމަށް މި ޞަރަޙައްދުގެ ހުރިހާ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ‏މިއަދު ފާހަގަކުރަމުންދާ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކް ޞަރަޙައްދުގެ ޤައުމުތައް ތަމްސީލްކޮށްދެނީ ދުނިޔޭގެ ޤައުމުތަކުގެ ނިސްބަތުން ބަލާއިރު، ތިން ބައި ކޮށް އެއްބައިގެ އާބާދީއެވެ. މި ޞަރަޙައްދު އުފެދިފައިވާގޮތުން އެކި ޤައުމު ތަފާތުވީނަމަވެސް ހުރިހާ ޤައުމެއްވެސް ބިނާވެފައިވަނީ އެއްގޮތް ޞަޤާފަތަކާ ތާރީޚެއްގެ މައްޗަށްކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ ބައްތިރީސް އަހަރުގެތެރޭގައި މި ޞަރަޙައްދުގެ ޤައުމުތައް ކުރިއަރާފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން، މި ކުރިއެރުމާ ތަރައްޤީގެ މަގުގައި ދެމިތިބެވޭނީ ސާކްގެ ޤައުމުތަކުން ހާސިލްކޮށްފައިވާ ކަންތައްތަކާ ދިމާވެފައިވާ ގޮންޖެހުންތައް ވިލަރެސް ކޮށްގެންކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވިއެވެ.

މި ޞަރަޙައްދުގެ ޤައުމުތަކުގައިހުރި ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުން ސާކް ޤައުމުތަކުން އެންމެ ފުރިހަމަ ގޮތުގައި ހިފާ، އަވަށްޓެރި ޤައުމުތަކާއެކު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރަން އިސްކަންދިނުމަކީ މުހިންމެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.

ސާކްގެ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާމެދު ވިސްނާއިރު، މޫސުމަށް އަންނަ ބަދަލުތަކާ ދިމާވާ ޤުދުރަތީ ކާރިސާ ތަކުން ސަލާމަތްވުމަށް ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށް އެމަނިކުފާނުގެ މެސެޖުގައިވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި، ކޮންމެ ދުވަހަކު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ ޓެރަރިޒަމްގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ހުރިހާ ޤައުމެއްގެ ވެރިންވެސް ހަރުދަނާކަމާއެކު މަސައްކަތްކޮށް، ޓެރަރިޒަމްގެ ސަބަބުން ދެ ޤައުމު ދޭތެރޭގައިވާ ގުޅުން ހީނަރުވާނެ ފުރުޞަތުނުދީ ޓެރަރިޒަމް ނައްތާލުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން، ސާކްގެ ޤައުމުތަކުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ ގޮތުން މި ޞަރަޙައްދުގެ ޤައުމުތައް ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަމުގައި ދިވެހިރާއްޖޭގެ ފަރާތުން ކެނޑިނޭޅި އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަން "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ދެއްވިއެވެ. އަދި ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް، މެމްބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ހުރިހާ ޤައުމަކުންވެސް އިސްކަން ދޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.