ޚަބަރު

ބިދޭސީންގެ މެޑިކަލް ރިޕޯޓް ބަލައިގަތުން ވަގުތީގޮތުން ހުއްޓާލައިފި


ބިދޭސީންގެ ވިޒާ އާކުރުމަށާއި ވިޒާއަށް އެދި ހުށަހަޅަމުންދާ ބައެއް ފަރާތްތަކުގެ މެޑިކަލް ރިޕޯޓްތައް ބަލައިގަތުން މޯލްޑިވްސް އިމިގްރޭޝަނުން ވަގުތީ ގޮތުން ހުއްޓައްވާލައްވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ މީޑިއާ އޮފިސަރ ޙަސަން ޚަލީލު ވިދާޅުވީ، މެޑިކަލް ރިޕޯޓްތައް ބަލައިގަތުން ވަގުތީގޮތުން ހުއްޓަވާލެއްވީ، ބައެއް ފަރާތްތަކުން ޞައްޙަނޫން ރިޕޯޓްތައް ހުށަހަޅަމުންދާތީ ކަމަށާއި، މިކަމާ ގުޅިގެން މިހާތަނަށް ދެތަނެއް ސަސްޕެންޑް ކުރައްވާފައިވާކަމަށެވެ.

ޞައްޙަނޫން ރިޕޯޓްތަކުގައިވާ ބިދޭސީންނަކީ، އެ ބިދޭސީންގެ ހަށިގަނޑުގައި ނުރައްކާތެރި ބަލިހުރިކަމަށް އެ ބިދޭސީން ކުރިން ހަދާފައިވާ މެޑިކަލް ރިޕޯޓްތަކުން ފާހަގަވެފައިވާ ބިދޭސީންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ކަންކަމަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކަތެރިކަމާ ގުޅިފައިވާ ކަމަކަށްވާތީ، މި މައްސަލއިގެ ތަޙްޤީގު ނިމެންދެން ބައެއް ފަރާތްތަކުން ހުށަހަޅަމުންދާ މެޑިކަލް ރިޕޯޓް ބަލައި ނުގަންނާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އިމިގްރޭޝަނުން މިގޮތަށް އަމަލުކުރަން ފަށްޓަވާފައިވަނީ މި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެންނެވެ.