ޚަބަރު

ސަނީ ސައިޑް މިއުޒިކް ފެސްޓިވަލް އިންތިޒާމް ކުރުން ޕީއެސްއެމްއަށް


ސަނީ ސައިޑް މިއުޒިކް ފެސްޓިވަލްގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ޕަބްލިކް ސަރވިސް މީޑިއާ އާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެއް ބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ ޒަމީރު ވިދާޅުވީ އަހަރު ނިމުން ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް މިފަދަ ތަފާތު ހަރަކާތްތައް ކުރިއަށްގެންދާ ކަމަށާ، މިއަހަރުވެސް އެފަދަ ކުލަގަދަ ހަރަކާތްތަކެއް ފެނިގެންދާނެކަމަށެވެ. އެގޮތުން މި މަހުގެ 30 ވަނަ ދުވަހު އަލިމަސް ކާނިވަލުގައި ބާއްވާ ހަރަކާތުގައި ދިވެހި ފަންނާނުންގެ ހުނަރުތައް ފެނިގެންދާނެކަމަށެވެ. އަދި 31 ވަނަ ދުވަހު ރާއްޖެއިން ބޭރުގެ މަޝްހޫރު ފަންނާނުންގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ފެނިގެން ދާނެކަމަށެވެ.

"ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން، ޕީއެސްއެމްއާ ގުޅިގެން އަހަރު ނިމުން ފާހަގަ ކުރުމަށް ހަރަކާތްތަކެއް ހިންގަން. އެގޮތުން މިފަހަރުގެ ހަރަކާތްތަކުގައިވެސް ޕީއެސްއެމްގެ ބައިވެރިވުން ލިބިގެން ޒުވާނުންގެ ގިނަ ހަރަކާތްތަކެއް ފެނިގެންދާނެ. އަދި ހަވާ އެރުވުންވެސް މި ފެސްޓިވަލްގެ ތެރޭގައި ކުރިއަށްދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، ފާއިތުވި އެއްއަހަރުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އަދި މި މިއުޒިކް ފެސްޓިވަލްވެސް ކާމިޔާބު އިވެންޓަކަށް ހައްދަވާނެކަމަށް ވިދާޅުވިއެވެ.

"މިއީ ދިވެހި ފަންނާނުންގެ ހުނަރު ދައްްކާލަން ލިބޭ ފުރުޞަތެއް، މި ފެސްޓިވަލްގެ ތެރެއިން ދެކެފަރިތަ ފަންނާނުންގެ ހުނަރުތައްވެސް އާންމުންނަށް ފެނިގެންދާނެ" ޚަލީލް ވިދާޅުވިއެވެ.