ޚަބަރު

އޭވިއޭޝަން އޮޕަރޭޝަންސް ޤަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް!


ރާއްޖޭގައި މިހާރު ކުރަމުންގެދާ އާންމު ވައިގެ ދަތުރުތަކުގެ އިރުތަށް ރެކްރިއޭޝަނަލް ޙަރަކާތްތައްފަދަ ޖެނެރަލް އޭވިއޭޝަން އޮޕަރޭޝަންތަކާއި، ހެލިކޮޕްޓަރު ފަދަ ރޯޓަރީވިންގ އެއަރކްރާފްޓްތަކަށް ހުއްދަ ދެވޭނެ ގޮތަށް އޮޕަރޭޝަންސް ޤަވާއިދުތައް މިހާރު އެކުލަވާލައްވާފައި ވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ ބައިނަލް އަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަނުން ބޭއްވި އޭވިއޭޝަން ނައިޓްގައި ވާހަކަދައްކަވަމުންނެވެ.

ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި މި ހަފްލާގައިވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ކުރިއަރަމުން އަންނަ ދުވެލި މިހާރަށްވުރެ ހަލުވިކުރުންކަމަށެވެ. މިގޮތުން އެއަރސަރވިސަސްގެ ގިނަ އެގްރީމަންޓްތަކެއްގައި މިހާރު ސޮއިކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، އޭވިއޭޝަން ސިނާޢަތަކީ އިންވެސްޓްކުރުމަށް ގިނަ ފުރުޞަތު ތަކެއްހުރި ސިނާޢަތެއްކަން ފާހަގަކުރައްވިއެވެ. އަދި މި ސިނާޢަތަށް އަންނަ ކުރިއެރުންތަކާއިއެކު ވަޒީފާތައް އިތުރުވަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިދާއިރާގައި މިހާރުވެސް ހަރަކާތްތެރިވާ ފަރާތްތަކުން ދާއިރާ ކުރިއެރުވުމަށް ޕްލޭންތައް އެކުލަވާލާ، ތަންފީޒުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކައިރި މުސްތަޤްބަލެއްގައި ވައިގެ ދަތުރުފަތުރުގެ އިތުރު ޚިދުމަތްތަކެއް ރާއްޖޭގައި ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން މިހާރުވެސް ބައެއް ފަރާތްތަކުން މިފަދަ ތަފާތު ޚިދުމަތްތަކެއް މިދާއިރާއިން ތަޢާރަފްކުރުމުގެ ޝަޢުގުވެރިކަން ފާޅުކުރަމުންގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސިވިލް އޭވިއޭޝަންގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ތަކުގެ ތެރެއިން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރެއްވުމަށް ހިންގަވާ ބިޔަ މަޝްރޫޢު މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ސިވިލްއެވިއޭޝަން ދާއިރާ މިހާ ބާރުމިނުގައި ކުރިއަށް މިދަނީ ރައީސް ޔާމީން އެކަމަށް ދެއްވާ ޚާއްޞަ ސަމާލުކަމާއި ދެއްވާ އިރުޝާދުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ސިވިލްއޭވިއޭޝަންގެ ޗެއަރމަން އިބްރާހިމް ފައިޒަލް ވިދާޅުވީ އޭވިއޭޝަން ދާއިރާގައި މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކަކީ ސަރުކާރާއި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުން ލިބިފައިވާ ކުރިއެރުމާއި ކާމިޔާބީތަކެއްކަމަށެވެ. ޗެއަރމަންގެ ވާހަކާގައި، މިދާއިރާއަށް ލިބެމުންއަންނަ ތަރައްޤީއައި ކުރިއެރުމުގެ އަސްލަކީ ސަރުކާރުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ކަމަށް ވިދާޅުވިއެވެ. މިއާއިއެކު މި ސިނާޢަތާގުޅުންހުރި ބޭރުގެ ފަރާތްތަކުން ރާއްޖެބަލައިގެންފައިވުމަކީ ރާއްޖެ އެކަމާ އުފާކޮށް، ފަޚްރުވެރިވާންޖެހޭ ކަމެއްކަމަށް ޗެއަރމަން ވިދާޅުވިއެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާ ފުޅާވަމުންދާއިރު ސަރުކާރުން އަމިއްލަ ކުންފުނިތަކަށް މިދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ދެއްވާކަން ފާހަގަކުރައްވާ، ހެލިކޮޕްޓަރގެ ޚިދުމަތްދޭ އަމިއްލަ ކުންފުންޏެއް ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ފައިޒަލް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މޯލްޑިވްސް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި މިދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.