ޚަބަރު

ޖަޕާނުން ދަނީ ރާއްޖެއަށް ގިނަ އެހީތަކެއް ވެދެމުން- މިނިސްޓަރ


ޖަޕާން ސަރުކާރުން ރާއްޖެއަށް މިހާތަނަށް ދީފައިވާ އެހީތައް ކަނޑައެޅިފައިވާ ކަންކަމަށާއި ފަރާތްތަކަށް ރައްދުކޮއްދެވިފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖަޕާންގެ އެމްޕެރަރ އަކިހީޓޯގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ޖަޕާން ސަރުކާރުން ދެމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިގޮތުން މިހާރުވެސް ރާއްޖެއަށް ޖަޕާން ސަރުކާރުގެ ފަރާތުން ގިނަގުނަ އެހީތަކެއް ވެދެމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެތެރޭގައި މުވާޞަލާތީ ދާއިރާއިންނާއި ތިމާވެށި ރައްކާތެރިކުރުމަށާއި، ފަންނީ ޤާބިލުކަން އިތުރުކުރުމާއި މަސްވެރިކަން ތަރައްޤީކުރުމަށް އެހީތެރިވަމުން ގެންދާކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.