ޚަބަރު

ސެކިއުރިޓީ ބަލަހައްޓާ ފަރާތްތައް ތަމްރީނު ކުރުމުގެ ޚާއްސަ ކޯހެއް


ސެކިއުރިޓީ ގާރޑުންނާއި، އެދާއިރާގެ ސުޕަވައިޒަރުން ތަމްރީނު ކުރެއްވުމުގެ ޚާއްޞަ ކޯހެއް އަންނަ ޖެނުއަރީ މަހު ފަށްޓަވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް "އައިލްސް" އިން ވިދާޅުވެއްޖެއެވެ.

މިއީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 3 ގެ ކޯހެކެވެ. ޓޫރިޒަމް ދާއިރާއާއި، އަމިއްލަ ކުންފުނިތަކުގެ ސެކިއުރިޓީ ދާއިރާގައި މަސައްކަތްކުރަން ޝައުޤުވެރިވާ ޒުވާނުންނާއި، މިހާރުވެސް ސެކިއުރިޓީ ގާރޑުންގެ ގޮތުގައި މަސައްކަތްކުރާ، ޒުވާނުން ތަމްރީނު ކުރެއްވުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް "އައިލްސް" ނިންމަވައި އެކަމުގެ ތައްޔާރީތައް މިހާރު ވަނީ ފަށްޓަވާފައެވެ.

ޕީ.އެސް.އެމްއަށް ދެއްވި އިންޓަރވިއުއެއްގައި "އައިލްސް"ގެ އެގްޒެކްޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ވިދާޅުވީ، ސެކިއުރިޓީ ގާރޑުން ތަމްރީނު ކުރެއްވުމަށް ހިންގަވާ ކޯހުގެ މޮޑިއުލް ލިޔެ ތައްޔާރު ކުރައްވައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްވެސް ކުރައްވާފައިވާ ކަމަށެވެ.

"އެކްރެޑިޓް ކުރެވިފައި އޮތް ކޯހެއް އަޅުގަނޑުމެން އަތުގައި މިހާރު އެބައޮތް.. އެކޯސް ހިންގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުމިދަނީ ކުރަމުން.. އިރާދަކުރެއްވިއްޔާ އަންނަ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ސެކިއުރިޓީ ދާއިރާގައި ޙަރަކާތްތެރިވާ ސެކިއުރިޓީ ގާރޑުންނާއި، ސުޕަވައިޒަރުންނަށް ހިންގާ މިޕްރޮގްރާމް ފެށިގެންދާނެ.. މައިގަނޑުކޮށް ކިޔަވައިދޭނީ، ކަމެއް ދިމާވެއްޖެ ޙާލަތެއްގައި ޕްރޮފެޝަނަލް ކަމާއެކު އެކަމެއް ޙައްލުކުރެވޭނެ ފެންވަރަށް." "އައިލްސް"ގެ އެގްޒެކްޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ވިދާޅުވިއެވެ.

ޢާންމު ތަނެއްގެ ސެކިއުރިޓީ ބަލަހައްޓާއިރު، ދިމާވާނެ ހުރިހާ ޙާލަތަކަށް ރިޢާޔަތް ކުރައްވައިގެން، ހިންގަވާ މިކޯހުގެ ބައިވެރިންނަށް އެފަރާތްތަކުގެ މަސައްކަތާ ގުޅޭ ދާއިރާގެ ފަންނީ ކަންކަން ދަސްކޮށްދެވޭނެ ކަމަށާއި، މިއީ ޚާއްޞަކޮށް ޒުވާނުންނަށް ހިންގަވާ ކޯހެއް ކަމަށް، "އައިލްސް" އިން ވިދާޅުވެއެވެ. މި ކޯހުގެ ސަބަބުން ސެކިއުރިޓީ ދާއިރާގައި މަސައްކަތް ކުރާނެ ދިވެހިން އެދާއިރާއިން ޚާއްޞަ ކުރެއްވޭއިރު، ރާއްޖޭގެ ސެކިއުރިޓީ ދާއިރާގައި ދިވެހިން އިތުރު ކުރެއްވުމަކީ އަމާޒުކަމުގައި، ސުޖާޢު ވިދާޅުވިއެވެ.

"ހަމަގައިމުވެސް މިކަހަލަ ޕްރޮގްރާމެއް ނުވަތަ، ކޯހެއް ނިންމާފައި ވަޒީފާއެއް ހޯދަން ދައްޗެއް ނުވާނެ. އެއީ އަޅުގަނޑުމެންގެ ރާއްޖޭގައި ދުވަހެއް ދުވަހަކަށް ރިޒޯޓްތައް ހުޅުވިގެންދާއިރު، އެތަންތަނުގައި މަސައްކަތްކުރާނެ ސެކިއުރިޓީ ދާއިރާގެ މުވައްޒަފުންނަކީ، ފަންނީ މީހުންނަށް ވާން ރިޒޯޓްތަކުގެ މެނޭޖްމަންޓުންވެސް ބޭނުންވާނެ. އެހެންވީމާ، ޒުވާނުންނަށް އޮތް ވަރަށް ރަނގަޅު ފުރުޞަތެއް މީ.. ޚާއްޞަކޮށް ރާއްޖެ ކަހަލަ ޤައުމެއްގައި މިދާއިރާއިން ޚާއްޞަވެގެން ގޮތެއް ވުމަކީ.. އަޅުގަނޑު ދެކޭ ގޮތުގައި ޒުވާނުން މިފަދަ ކޯސްތަކުގައި ބައިވެރިވެ، އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި މަސައްކަތްކޮށް މިފަދަ ދާއިރާތައް ފިލް ކުރައްވުމަކީ އަޅުގަނޑުމެންގެ މަޤުޞަދު". ސުޖާޢު ވިދާޅުވިއެވެ.

އަލަށް ފައްޓަވާ މިކޯހުގައި އޯލެވަލް ނިންމާފައިވާ ޒުވާނުންނަށް ބައިވެރިވެވޭނެ ކަމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް "އައިލްސް" އިން ހާމަކުރައްވައެވެ.