ޚަބަރު

މޯލްޑިވިއަންއަށް އިތުރު ބޯޓުތަކެއް ގެންނަން ނިންމައިފި


ޤައުމީ އެއަރލައިން، މޯލްޑިވިއަން އަށް އިތުރު މަތިންދާބޯޓުތަކެއް ގެންނަން ނިންމާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

މިގޮތުން މިމަހުގެ ފަހުކޮޅު ޑޭސް 8ގެ ފްލީޓަށް އިތުރު ބޯޓެއް ގެންނަން ނިންމާފައިވާއިރު، އަންނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި އިތުރު މަތިންދާ ބޯޓެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންސް ޢަލީ ނަޝާތު ޙަމީދު ވިދާޅުވީ، ސީޕްލޭން އިތުރުކުރުމަށް މިހާރުއްސުރެ މަސައްކަތްކުރަމުންދާކަމަށެވެ. މިގޮތުން އަންނަ އަހަރު ފެށޭ ހިސާބުގައި އިތުރު ސީޕްލޭންތަކެއް އަންނާނެކަމަށާއި ސީޕްލޭންގެ މަންޒިލްތައްވެސް އިތުރުކުރުމުގެ ގޮތުން، އަލަށް ހަދަމުންދާ ތިން ރިސޯޓަކާއެކު ސޮއިކޮށްފައިވާކަމަށްވެސް ނަޝާތު ވިދާޅުވިއެވެ.

މޯލްޑިވިއަން އިން މިހާރު 19 މަތިންދާ ބޯޓެއް ބޭނުންކުރެއެވެ.