ކުޅިވަރު

އީގަލްސްއިން، އެ ކްލަބަށް މިއަހަރު ލިބުނު ކާމީޔާބީ ފާހަގަކޮށްފި


ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކުޅިވަރު ކްލަބް އީގަލްސްއިން، އެ ކްލަބަށް މިއަހަރު ލިބުނު ކާމީޔާބީ ފާހަގަކުރުމަށް ޙާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

އީގަލްސް އެ ހިސާބަކަށް ނިސްބަތްވާ މާފަންނުގައި ބޭއްވި މި ހަފްލާ ބޭއްވީ ސެލެފިއެސްޓާގެ ނަމުންނެވެ.

މިއީ އީގަލްސްގެ 27 އަހަރުވީ ތާރީޙުގައ އެ ކްލަބައް އެންމެ ކާމިޔާބު އަހަރެވެ. އެގޮތުން އެ ކްލަބް ވަނީ މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކުރީ އީގަލްސްއިންނެވެ.

ފުޓްބޯޅައިގެ އިތުރުން އީގަލްސްއިން ވަނީ މިއަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

މި ހަފްލާގައި ބައިވެރިވެވަޑައިގެން ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވަނީ އީގަލްސްއަށް މަރުޙަބާ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ޒުވާނުންގެ ޖޯޝާއި ލޭ ފެނިގެންދަނީ މުބާރާތްތަކުގައި ޓީމްތަކުން ހޯދާ ކާމިޔާބީއިން ކަމަށެވެ. އަދި ޒުވާނުންނަށް މި ސަރުކާރުން ހޯއްދަވާ ފުރުޞަތުތަކާ ސްކޮލަރޝިޕްތަކުގެ ބޭނުން ޒުވާނުން ހިފުމަށްވެސް މިނިސްޓަރ އިރުތިޝާމް ބާރުއެޅުއްވެވިއެވެ.

އީގަލްސްގެ ޗެއާމަން އަޙުމަދު ޝިޔާމް ވިދާޅުވީ އީގަލްސްއަކީ ގިނަ ކާމިޔަބީތަކެއް ހޯދާފައިވާ ކްލަބެއްކަމަށާ އަދި އީގަލްސްއަށް ޙިދުމަތްކޮށްދެވޭތީ އުފާވާކަމަށެވެ.