ޚަބަރު

ޓެންޒޭނިއާގެ ލައިވް ސޮޓްކް އެންޑް ފިޝަރީޒް މިނިސްޓަރ ރާއްޖޭގައި


ދެމެހެޓެނިވި ގޮތެއްގައި ދިވެހިރާއްޖެއިން ކުރަމުންދާ ދޮށީގެ މަސްވެރިކަމާއި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީވެފައިވާ ގޮތާބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ޓެންޒޭނިއާގެ މިނިސްޓަރ އޮފް ލައިވް ސޮޓްކް އެންޑް ފިޝަރީޒް، ރާއްޖެއަށް ވަޑައިގެންފިއެވެ.

ޓެންޒޭނިއާގެ މިނިސްޓަރ އޮފް ލައިވް ސޮޓްކް އެންޑް ފިޝަރީޒް، ހައްމާދު ރާޝިދު މުޙައްމަދު އަރިހުގައި މިދަތުރުފުޅުގައި އެޤައުމުގެ ޑީޕްސީ ފިޝިންގ އޮތޯރިޓީއާއި ޤާނޫނު ހަދާ މަޖިލީސްގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވާ 11 ބޭފުޅުންގެ ވަފުދެއްވެސް ރާއްޖެ އައިސްފައިވެއެވެ.

ޓެންޒޭނިއާގެ މިނިސްޓަރ އޮފް ލައިވް ސޮޓްކް އެންޑް ފިޝަރީޒްގެ މިދަތުރުފުޅުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު ތަރައްޤީވެފައިވާގޮތާ ބެހޭގޮތުން މަޢުލޫމާތު ހޯއްދަވައި އަދި ދެޤައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވެން ހުރި ކަންކަމަކީ ކޮބައިތޯ ބެއްލެވުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ރާއްޖޭގެ މަސްވެރިކަން އިތުރަށް ދެނެގަތުމަށްޓަކައި ރާއްޖޭގެ މަސް ކާރުޚާނާތަކަކަށް ޒިޔާރަތް ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން މި ވަފުދުގެ ބައެއް ބޭފުޅުން މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމުގެ ގޮތުން މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް ބާއްވަވާ ގއ. ގެމަނަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

މި ވަފުދުގެ ބޭފުޅުން ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ޓެންޒޭނިއާއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ތަމްސީލުކުރާ އިންޑިއަން އޯޝަން ޓިއުނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އަދި ސައުތް ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން (އެސް.ޑަބްލިޔު. އައި. އޯ. އެފް. ސީ) ގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިވެދޭ އެއް ޤައުމެވެ.