ޚަބަރު

3 އަހަރުތެރޭ 18 ދަރިވަރުން ޙާފިޡުކަމުގެ ސަނަދު ހާޞިލުކޮށްފި


ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަކީ ހުރިހާ އުމުރުފުރައަކަށްވެސް ހުޅުއްވާލައްވައިގެން ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހިންގަވާ ކްލާސްތަކެކެވެ. އެ ކްލާސްތަކުގައި މިހާރުވެސް 400 ދަރިވަރުން ކިޔަވަމުންދެއެވެ. ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި 18 ދަރިވަރުން ވަނީ ޙާފިޡުކަމުގެ ސަނަދު ޙާޞިލްކޮށްފައެވެ. މީގެތެރެއިން 8 ދަރިވަރުންނަކީ މިއަހަރު ސަނަދު ޙާޞިލްކުރި ދަރިވަރުންނެވެ. 

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ، ހިތުދަސްކުރާ ކްލާސްތަކުގެ މަޤްޞަދަކީ، ޙާފިޡުންގެ އަދަދު އިތުރުކުރެއްވުމާއި، ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ކާމިޔާބީ ޙާޞިލްކުރުންކަމަށެވެ.

"ކީރިތި ޤުރުއާން ހިތުދަސް މީހުން އިތުރުކުރުން. ދެން ރީތިކޮށް ކިޔަވަން ދަންނަ މީހުން ފެއްދުން. ދެން ބައިނަލްއަގުއާމީ މުބާރާތްތަކަށް ބޭނުންވާ ހާފިޒުން ހޯދުން. އޭގެ އިތުރަށް ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ޤުރުއާނުގެ ފަންނު ފެތުރުމާއި ޤުރުއާން ކިޔެވުމުގެ ރޫޙް ދިވެހިންގެ ހިތްތަކުގައި އަށަގެންނެވުމާއި ދެން އިސްލާމީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާތީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޙްސިއްޔަތު ވަރުގަދަކުރުންވެސް ހިމެނޭ." މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ. 

މި ސަރުކާރުން ވަނީ ފަސް އަހަރުގެ ތެރޭގައ 500 ޙާފިޡުން ބިނާކުރެއްވުމުގެ މަޝްރޫޢެއް ވަނީ ފަށްޓަވާފައެވެ. މި ކަމަށް ހިތްވަރުދެއްވުމުގެ ގޮތުން ޤުރުއާން ހިތުދަސްކުރާ މީހުންނަށް ޢިނާޔަތްތަކެއްވެސް ދެއްވަމުން ގެންދަވައެވެ.

"ކީރިތި ޤުރުއާނުގެ ފޮތެއް ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް ސަރުކާރުން 500 ރުފިޔާގެ އިނާމެއް ދެއްވާ. ދެން ސަރުކާރުން ކީރިތި ޤުރުއާނަށް ދެއްވާ އަހައްމިއްޔަތަށް ބަލާއިރު، ހިތުދަސްކުރާ ކޮންމެ މީހަކަށް، އެމީހެއްގެ މުޅި އުމުރަށް ކޮންމެ މަހަކު 2000 ރުފިޔާގެ އިނާމެއް. ދެން އޭގެ އިތުރަށް ސަރުކާރުން ބާއްވާ އިނާމު ދިނުމުގެ ޖަލްސާގައި އެ އަހަރަކު ހިތުދަސްކުރާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑައްޔެއްވެސް އޮވޭ" އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.

ރާއްޖޭގެ ތިންއަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅުއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ވަނީ ޤާއިމްކުރައްވާފައެވެ. މަރުކަޒުގެ އަމާޒަކީ، ހުރިހާ އަތޮޅެއްގައިވެސް މަރުކަޒުގެ ގޮފިތައް ޤާއިމްކުރެއްވުން ކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ. ޤުރުއާނާބެހޭ މަރުކަޒު ވުޖޫދަށް އައީ 2000 ވަނަ އަހަރުއެވެ.