ޚަބަރު

ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރެއްވުމަށް ބޭއްވި ސެމިނަރ


ރާއްޖޭގެ ޝަރުޢީ ދާއިރާއަކީ ވިޔަފާރިއަށް ފަހި ދާއިރާއަކަށް ހެއްދެވުމަށް ޝަރުޢީ ދާއިރާއިން ކުރައްވާ މަސައްކަތްތަކަށް ކަމާގުޅުންހުރި ފަރާތްތަކުގެ ތަޖްރިބާ ޙިއްޞާ ކުރުމަށް ބޭއްވި ޢިލްމީ މަހާސިންތާ ނިންމަވާލައްވައިފިއެވެ.

މިއީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރައްވައި، ބައިނަލްއަޤްވާމީ އިންވެސްޓްމެންޓަށް ފަހި މާހައުލެއް ޝަރުޢީ ނިޒާމުގައި ޤާއިމުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް ޝަރުޢީ ދާއިރާއާއި، އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާއަކީ ވިޔަފާރިއާއި މާލީ މުޢާމަލާތްތަކާ ގުޅޭ މައްސަލަތައް ނިންމެވުމާއި، ޝަރުޢީ ނިޒާމުގެ ތެރެއިން އެކަންކަން ކުރުމުގެ އިންތިޒާމް އެންމެ ފުރިހަމައަށް ހަމަޖެހިފައިވާ ދާއިރާއަކަށް ހެއްދެވުމަށް ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ވަނީ މުހިންމު ގިނަ މަސައްކަތް ތަކެއް ކުރައްވާފައެވެ. އޭގެތެރޭގައި ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމް ހަރުދަނާ ކުރެއްވުމަށްޓަކައި ސިވިލް ކޯޓް، ޑިވިޜަންތަކަށް ބައްސަވާ ލައްވައި، ކޯޓުން ބޭރުގައި މަދަނީ މައްސަލަތައް ޙައްލުކުރުމުގެ އިންތިޒާމް، މަދަނީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ހަމަޖެއްސެވުން ހިމެނެއެވެ.

img:http://s3.psmnews.mv/images/660x400/14809443547711.jpg|"ޝަރުއީ ނަޒަރަކުން ބަލައިލުން" މިނަމުގައި ބޭއްވި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިޤްތިޞާދުގައި އެންމެބޮޑު ޙިއްޞާއެއް އަދާކުރާ އެއްބަޔަކީ އަމިއްލަ ވިޔަފާރި ހިންގާ ފަރާތްތައްކަމުން، އެފަދަ ވިޔަފާރިތަކާ ގުޅޭ މައްސަލަތައް ޝަރުޢީ ނިޒާމުގެ ތެރޭގައި ދިގުދެމިގެން ދިޔުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ހީނަރުކަމަކަށްވާނެތީ، ވިޔަފާރިއާ ގުޅޭ ބޮޑެތި މައްސަލަތައް ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ނިންމަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުވަނީ ދެއްވާފައެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ލީގަލް އޮފިސަރ ފައިސަލް އާދަމް ވިދާޅުވީ ޝަރުޢީ ކޯޓްތަކަށް ހުށައެޅޭ ވިޔަފާރިއާއި މާލީ ކަންކަމާ ގުޅުން ހުރި މައްސަލަތައް ނިންމެވުން އަވަސް ކުރެއްވުމަށް ޝަރުޢީ ނިޒާމުގެ ތެރޭގައި ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާކަމަށެވެ. ރާއްޖޭގައި ވިޔަފާރިއަށްފަހި މާހައުލެއް ޤާއިމުކުރުމަށް ޝަރުޢީ ދާއިރާއިން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި ބޭއްވި ކޮލޯކިއަމްގައި ވިޔަފާރިތަކައީ ވިޔަފާރީގެ ބޭނުމަށް ރަޖިސްޓްރީކުރާ ބިން ބިމާއި، ކޮންޓްރެކްތަކުގެ މެދުގައި ޖެހޭ މައްސަލަތައް އަވަސް ކުރެއްވުމާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއެކު ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ޢިމާރާތާއި، ގޯތިތަކާއި، ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް ޝަރުޢީ ދާއިރާއިން ފުރިހަމަކުރަންޖެހޭ އިޖްރާޢަތްތައް އަވަސްކުރެއްވުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ. 

img:http://s4.psmnews.mv/images/660x400/14809306752157.jpg|ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގެ ސެމިނާގައި އުއްތަމަ ފަނޑިޔާރު ވާހަކަދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ ވިޔަފާރިއަށް ފަހި ޝަރުޢީ ނިޒާމެއް ޤާއިމުކުރެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަކީ ޝަރުޢީ ދާއިރާގެ އަމާޒެއްކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ނަޒަރުން ބަލާއިރުވެސް ވިޔަފާރިކުރަން ފަސޭހަ، ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމުވެފައިވާ ޤައުމަކަށް ރާއްޖެ ހެދުން ކަމަށާއި، މިކަމަށްޓަކައި ޤާނޫނީ ގޮތުން ގެންނަވަން ޖެހޭ ބޮޑެތި ބަދަލުތަކެއް ގެންނަވަމުން ގެންދަވާކަމަށެވެ. ސަރުކާރުގެ އިޤްތިޞާދީ އަމާޒަށް ވާޞިލުވުމަށް ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަކީވެސް ވިޔަފާރިތަކަށް ފަހި ގޮތަކަށް ބައްޓަން ކުރެވިފައިވާ ޝަރުޢީ ދާއިރާއަކަށް ވާންޖެހޭކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް ފޮރިން އިންވެސްޓަރުން ޝައުޤުވެރިކުރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެތެރޭގައި މުޅި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ފޮރިން އިންވެސްޓަރުންނަށް ފަހިވާ ގޮތަށް ކަންކަން ބައްޓަން ކުރެވިފައި ހުންނަން ޖެހޭކަމަށް ވެސް ތައުފީޤް ވިދާޅުވިއެވެ.