ޚަބަރު

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނެވި އިޞްލާޙު ތަސްދީޤުކުރައްވައިފި


ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނެވި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. 

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނަވާފައިވާ އިޞްލާޙުގައި ވަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކުރައްވާފައިވާ މެމްބަރަކު، ޤާނޫނު އަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން، ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށް އެ ޕާޓީއެއްގެ ޕްރައިމަރީގައިވާދަކޮށް އެ ޕްރައިމަރީއަކުން އެ މެމްބަރަކު ނަކާމިޔާބު ވެއްޖެނަމަ، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެކަމަށެވެ. އަދި އެފަދަ ކެންޑިޑޭޓަކު އިންތިޚާބެއްގައި ވާދަކުރެއްވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިނަމަ، އެ ކޮމިޝަނުން އެ ފަރާތެއްގެ ކެންޑިޑެސީ ބާޠިލް ކުރަންވާނެކަމަށް ވެސް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މަޖިލީހުން ގެނެންނެވި އިޞްލާޙުގައިވެއެވެ.

މި އިޞްލާޙް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.