ދުނިޔެ

ޖަޔާލަލީތާ- އެއްބަޔަކަށް މަންމަ، އަނެއްބަޔަކަށް ކޮރަޕްޓް ބޭފުޅެއް


ޖަޔާލަލީތާ ޖަޔާރަމަން އަކީ އިންޑިއާ މިހާތަނަށް ދުށް އެންމެ ކާމިޔާބު އަދި އެންމެ މައްސަލަތައްވެސް ބޮޑު އެއް ސިޔާސީ ލީޑަރެވެ. އެއް ބަޔަކު އެކަމަނާއަށް ހިތުގެ އެންމެ އަޑިން ތާޢީދުކުރާއިރު، އަނެއް ބަޔަކު އެކަމަނާއާ ދެކޮޅެވެ. ޖަޔާލަލީތާއަށް ތާޢީދުކުރާ ފަރާތްތަކުން ބުނަނީ އިންޑިއާގެ ދެކުނުގެ ޓަމިލްނާޑޫ ސްޓޭޓަށް އިޤްތިޞާދީ ކުރިއެރުން ހޯއްދަވައިދެއްވުމުގައި އެކަމަނާގެ ހިއްސާ ބޮޑުކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ބުނަނީ އެކަމަނާއަކީ ބާރުތައް ޖަމާކުރައްވައިގެން ކޮރަޕްޝަންގެ އަމަލުތައް ހިންގެވި ބޭފުޅެއްކަމަށެވެ. 

ކުރިމަތިވި އެތަކެއް ގޮންޖެހުންތަކާއެކުވެސް އެކަމަނާ ނިސްބަތްވެވަޑައިގެންނަވާ އޭ.އައި.އޭ.ޑީ.އެމް.ކޭ ޕާޓީގެ ލީޑަރުގެ ގޮތުގައި ހަތަރު ފަހަރެއްގެ މަތިން ޓަމިލްނާޑޫގެ ޗީފް މިނިސްޓަރުކަމުގެ މަޤާމު ފުރުއްވިއެވެ. 

* ހަޔާތުގެ ކުރީކޮޅު

1948 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ޖަޔާލަލީތާ ޖަޔާރަމަން އުފަންވެވަޑައިގަތީ އިންޑިއާގެ މައިސޫރަށެވެ. އެކަމަނާގެ ބައްޕާފުޅަކީ ޤާނޫނީ ވަކީލެކެވެ. އާއިލާގެ މުދާތައް ބޭކާރު ގޮތުގައި ހޭދަކުރެއްވި ޖަޔާލަލީތާގެ ބައްޕާފުޅު ވަނީ އެކަމަނާއަށް ދެ އަހަރުގައި މަރުވެފައެވެ. 

img:http://s1.psmnews.mv/images/660x400/14810167731033.jpg|ޖަޔާލަލީތާ ޑާންސްކުރުމާއި މިއުޒިކް ހުނަރު ދަސްކުރި ދުވަސްވަރު

ކިޔަވާ ވިދާޅުވުމަށްފަހު، މިއުޒިކާއި ނެށުމުގެ ހުނަރުތައް އެކަމަނާ ދަސްކުރައްވައިގެން ފިލްމީ ދާއިރާއަށް ޖަޔާލަލީތާ ނިކުންނެވިއެވެ. އަދި 1960 ގެ އަހަރުތަކުގައި ފިލްމު ކުޅުއްވަން ފެއްޓެވި ޖަޔާލަލީތާ ވަނީ އިންޑިއާގެ އެންމެ މަޝްހޫރު އެންމެ އަގުބޮޑު ފިލްމީ ބަތަލާގެ ގޮތުގައި އެތަކެއް ދުވަހެއް ވަންދެން މަސައްކަތްކުރައްވާފައެވެ. މިމުއްދަތުގައި 140 އަށްވުރެ ގިނަ ފިލްމު އެކަމަނާ ކުޅުއްވިއެވެ. 



* ސިޔާސީ މައިދާނަށް ވެންނެވުން

ސިޔާސީ މައިދާނަށް ޖަޔާލަލީތާ ތަޢާރަފްކުރެއްވީ އެކަމަނާއާއެކު ގިނަ ފިލްމުތަކެއް ކުޅުއްވުމަށްފަހު ސިޔާސީ މައިދާނަށް ނިކުންނެވި އޭ.އައި.އޭ.ޑީ.އެމް.ކޭ ޕާޓީގެ ލީޑަރު ރާމަ ޗަންދްރަންއެވެ. 

img:http://s2.psmnews.mv/images/660x400/14810171276426.jpg|ޖަޔާލަލީތާ ސިޔާސީ މައިދާނަށް ތަޢާރަފްކުރެއްވި ރާމްޗަންދުރަން އާއެކު ކުޅެފައިވަ ފިލްމެއްގެ މަންޒަރެއް

އޭ.އައި.އޭ.ޑީ.އެމް.ކޭގެ ލީޑަރުގެ މަޤާމު އެކަމަނާއަށް ލިބިވަޑައިގަތީ 1989 އަހަރުއެވެ. އަދި ޓަމިލްނާޑޫގެ އިދިކޮޅު ޕާޓީއެއްގެ ފުރަތަމަ އަންހެން ލީޑަރަށް އެކަމަނާ ވެވަޑައިގަތެވެ. އަދި 1991 ވަނަ އަހަރު އެކަމަނާ ފުރަތަމަ ފަހަރަށް ޓަމިލްނާޑޫގެ ޗީފް މިނިސްޓަރުކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތެވެ. 



* ފަޤީރުންނާއި ނިކަމެތިންނަށް އަޅާލެއްވި

ޖަޔާލަލީތާއަށް ގިނަ ބައެއް ލޯބި ލިބިގެންދިޔައީ ރަށްފުށު ހިސާބުގައި އުޅެމުންދިޔަ ފަޤީރުންނަށް އެހީތެރިވެވަޑައިގަތުމަށް ފެށްޓެވި މަސައްކަތުންނެވެ. އެގޮތުން އަގުހެޔޮކޮށް ކާނާ ލިބޭ ކެންޓީންތަކެއް އެކަމަނާ ތަޢާރަފްކުރައްވާ، ފަޤީރުންނަށް ހެޔޮ އަގުގައި ކާބޯތަކެތި ލިބޭނެ އިންތިޒާމް އެކަމަނާ ހަމަޖައްސަވައިދެއްވިއެވެ. މީގެ އިތުރުން ފަޤީރު އާއިލާތަކަށް ބޭނުންވާ އެނޫންވެސް ތަކެތި އެކަމަނާ ހިލޭ ބެއްސެވިއެވެ. މިގޮތުން ދަރިވަރުންނަށް ހިލޭ ބެއްސެވި ލެޕްޓޮޕްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ގެތައް ޢިމާރާތްކުރާނެ ސިމެންތިއާއި ބޭހުގެ ބާވަތްތައްވެސް ފަޤީރުންނަށް ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމް ޖަޔާލަލީތާ ހަމަޖައްސަވައިދެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14810169059744.jpg|ޖަޔާލަލީތާ ޖަޔާރަމަން / ފަޤީރުންނަށް އަގުހެޔޮކޮށް ކާބޯތަކެތި ފޯރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި

މިފަދަ ސަބަބުތަކާހުރެ ޓަމިލްނާޑޫގައި ޖަޔާލަލީތާއަށް އޮތް ލޯތްބާ ތާއީދު އިތުރުވެ، އެކަމަނާއަށް އިހްތިރާމްކުރުމުގެ ގޮތުން އެކަމަނާއަށް އެސްޓޭޓްގެ މީހުން މުޙާތަބްކުރަނީ "އަންމާ" ނުވަތަ މަންމަގެ ނަމުންނެވެ.  

ޖަޔާލަލީތާއަށް ޓަމިލްނާޑޫގައި އޮންނަނީ އަދަޔާ ޙިލާފް ލޯތްބަކާއި ތާޢީދެކެވެ. އެކަމަނާއަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. ބައެއް މީހުން ވަނީ އަލިފާން އަނގުރުމަތިން ހިނގާފައެވެ. އަނެއް ބަޔަކު ވަނީ އަމިއްލަ ލެއިން އެކަމަނާގެ ތަސްވީރު ކުރަހާފައެވެ. އެކަމަނާއަށް ސިޔާސީ ގޮތުން އުނދަގޫ ދުވަސްތަކެއް ކުރިމަތިވެއްޖެނަމަ، ބައެއް މީހުން އަމިއްލަ ހަށިގަނޑުގައި ރޯކޮށްލާކަމަށްވެސްވެއެވެ. 



* ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތައް

1996 ވަނަ އަހަރު ޓަމިލްނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު، ދެވަނަ ދައުރަކަށް އެކަމަނާ ކުރިމަތިލެއްވިއެވެ. ނަމަވެސް އެކަމަނާގެ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގައި އެކަމަނާވެސް ޤާނޫނު ހަދާ މަޖިލީހަށް ހޮވޭގޮތް ނުވިއެވެ. އެފަހަރު އެކަމަނާގެ ޕާޓީއަށް ޓަމިލްނާޑޫގެ ޤާނޫނު ހަދާ މަޖިލިހުން ލިބުނީ އެންމެ 4 ގޮނޑިއެވެ. 

އައު ސަރުކާރުން އެކަމަނާގެ ކޮރަޕްޝަންގެ މައްސަލަތައް ބައްލަވަން ފެއްޓެވިއެވެ. އަދި 1996 ވަނަ އަހަރު އެކަމަނާގެ ގެއަށް ފުލުހުން ވަދެ ބަލާފާސްކޮށް، އަގުބޮޑެތި ގަހަނާތަކެއް ހޯދިއެވެ. މީގެ ތެރޭގައި ޖަވާހިރުން ޒީނަތްތެރިކޮށްފައިވާ ހަރާއި އަނގޮޅިއާއި ތަނޑުތައް ހިމެނެއެވެ. އަދި ދިހަ ހާހަށްވުރެ ގިނަ ސާޅިއާއި 750 އަށްވުރެ ގިނަ ފައިވާން ފެނުނުކަމަށް ފުލުހުން ރިޕޯޓްކުރިއެވެ. އަދި ފަޤީރުންނަށް ޓީވީތަކެއް ހޯދުމަށް އެކަމަނާ ހިންގެވި ސްކީމެއްގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ބުނެ އެކަމަނާގެ މައްޗަށް ދައުވާކުރެވުނެވެ. އަދި 30 ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރަން ޖެހުނެވެ. 

img:http://s2.psmnews.mv/images/660x400/14810171846020.jpg|1996 ވަނަ އަހަރު ޖަޔާލަލީތާގެ ގެއަށް ފުލުހުން ވަދެ ބަލާ ފާސްކުރުމަށްފަހު، އެކަމަނާ ހައްޔަރުކޮށްގެން ގެންދަނީ

ދައުލަތުގެ މުދާތަކަށް ހިޔާނަތްތެރިވެވަޑައިގަތުމުގެ ކުށުގައި 5 އަހަރުގެ ދުވަހުގެ ޖަލު ޙުކުމެއް އައުމާ ގުޅިގެން 2001 ވަނަ އަހަރު އޮތް އިންތިޚާބުގައި އެކަމަނާއަށް ބައިވެރިއެއްނުވެވުނެވެ. ނަމަވެސް އެކަމަނާގެ ޕާޓީގެ ޓަމިލްނާޑޫގެ ޤާނޫނުހަދާ މަޖިލީހުގެ ކޮންޓްރޯލް އަލުން ހޯދިއެެވެ. އަދި އެކަމަނާއަށް އިއްވާފައިވާ ޙުކުމް މަތީ ކޯޓަކުން ބާތިލްކުރުމާއެކު، މަޖިލީހުން ހުސްވި ގޮނޑިއަކަށް ކުރިމަތިލައްވައިގެން ޤާނޫނު ހަދާ މަޖިލީހަށް ވަނެވެ. އަދި ޓަމިލްނާޑޫގެ ޗީފް މިނިސްޓަރުކަމަށް ދެވަނަ ފަހަރަށް އެކަމަނާ ވަޑައިގަތެވެ. 

މިހާހިސާބުންވެސް މައްސަލަތަކަށް ނިމުމެއް އަންނަގޮތެއް ނުވިއެވެ. ޓަމިލްނާޑޫގެ މާކެޓިން ކޯޕަރޭޝަން ބޭނުންކުރައްވައިގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގެވި މައްސަލައެއް ފެންމަތިވިއެވެ. ނަމަވެސް މިފަހަރު އެކަމަނާއަށް މާބޮޑު އަސަރެއް އެކަމުގެ ސަބަބުން ނުކުރިއެވެ. އަދި 2011 ވަނަ އަހަރު އޮތް އިންތިޚާބު ކާމިޔާބުކޮށް، ޗީފް މިނިސްޓަރުކަމުގެ މަޤާމަށް 3 ވަނަ ފަހަރަށް އެކަމަނާ އިންތިޚާބުވެވަޑައިގަތެވެ. 

img:http://s1.psmnews.mv/images/660x400/14810172432851.jpg|ޖަޔާލަލީތާ ފުލުހުންގެ ވެހިކަލެއްގައި / ސިޔާސީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގެންނެވި



* ސިޔާސީގޮތުން ކާމިޔާބު ބޭކަނބަލެއް

2014 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަތުމުގެ މަސައްކަތް ޖަޔާލަލީތާ ކުރެއްވިކަމަށް އެކަމަނާގެ ބައެއް އަރިސް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިކަން އެކަމަނާ ޔަޤީންކޮށްދެއްވާފައެއް ނުވެއެވެ. 

ޗީފް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވަނިކޮށް، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ގިނަ މުދާތަކެއް ހޯއްދަވާފައިވާ މައްސަލައެއް ސާބިތުވެ 2014 ވަނަ އަހަރު ޖަޔާލަލީތާއަށް 4 އަހަރުދުވަހުގެ ޖަލު ޙުކުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އަދި އެއާއެކު ޗީފް މިނިސްޓަރުކަމުގެ މަޤާމުން އެކަމަނާ ވަކިކުރެއްވިއެވެ. މިއީ އިންޑިއާގެ ތާރީޙުގައިވެސް ޗީފް މިނިސްޓަރެއް މަޤާމުން ދުރުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް 2015 ވަނަ އަހަރު އެޙުކުމް މަތީ ކޯޓަކުން ބާތިލުކުރިއެވެ. އަދި އެއާއެކު އަނެއްކާވެސް އެކަމަނާއަށް ޗީފް މިނިސްޓަރުކަމުގެ މަޤާމު ލިބިވަޑައިގަތެވެ. އެކަމަނާ ފާހަގަވެފައިވަނީ ފަޞޭޙަކަމާއެކު އިންތިޙާބުތައް ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. 

img:http://s3.psmnews.mv/images/660x400/14810164886411.jpg|ޖަޔާލަލީތާ ޖަޔާރަމަން / އިންޑިއާ ދުށް އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ލީޑަރު

" 10 ޕާޓީ އަޅުގަނޑާ ދެކޮޅަށް ކޯލިޝަނެއް ހެދި. އަޅުގަނޑުގެ ކޯލިޝަނެއް ނެތް. އަޅުގަނޑު ހުރިހާ ކަމެއް ދޫކޮށްލީ ހެއްދެވި ފަރާތަށް. އަޅުގަނޑު ކޯލިޝަން ހެދީ ރައްޔިތުންނާއެކު. އަޅުގަނޑަށް ވަރަށް ސާފު ރައްޔިތުންގެ އިތުބާރު އަޅުގަނޑަށް އޮންނާނެ. އަޅުގަނޑު ރައްޔިތުންނަށް އިތުބާރުކުރަން " ޖަޔާލަލީތާ ވިދާޅުވެފައިވެއެވެ. 

ޖަޔާލަލީތާއަށް ތާއީދުކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އިންޑިއާގައި އިޤްތިޞާދީގޮތުން އެންމެ ކުރިއަރާފައިވާ އެއް ސްޓޭޓަށް ޓަމިލްނާޑޫ ހެއްދެވުމުގެ މޭސްތިރިއަކީ ޖަޔާލަލީތާއެވެ. ނަމަވެސް އެކަމަނާއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެކަމަނާއަކީ ޤާނޫނަށްވުރެ މަތީގައި އުޅުއްވަން މަސައްކަތްކުރެއްވި ކޮރަޕްޓްވެފައި ހުރި ބޭފުޅެއްކަމަށެވެ.