ޚަބަރު

އިންޑިއާގެ ނުފޫޒުގަދަ ސިޔާސީ ލީޑަރު ޖަޔާލަލީތާ އަވަހާރަވެއްޖެ


އިންޑިއާގެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ލީޑަރު، ޖަޔާލަލީތާ ޖަޔާރަމަން އަވަހާރަވެއްޖެއެވެ. 

ޓަމިލްނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރ ޖަޔާލަލީތާ ޖަޔާރަމަން ހޯމަދުވަހުގެރޭ އަވަހާރަވީ، އާދީއްތަދުވަހު ހާޓް އެޓޭކެއް ޖެހިވަޑައިގަތުމުގެ ސަބަބުން އިންޑިއާގެ ޗެންނާއީގެ އެޕޯލޯ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރާއްޖެ ގަޑިން ރޭ އެގާރަ ޖެހިއިރުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ.  

ގިނަ ބައެއްގެ ލޯތްބާއި ތާޢީދު ލިބިވަޑައިގެންފައިވާ ޖަޔާލަލީތާ އަވަހާރަވި ޙަބަރު ލިބުމާ ގުޅިގެން އެކަމަނާއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ދަނީ އެކަމަނާއަށް ފަރުވާދެމުން ގެންދިޔަ ހޮސްޕިޓަލް ކައިރިއަށާއި، ޓަމިލްނާޑޫ ސްޓޭޓްގެ މަގުތަކަށް އެއްވެ ހިތާމާ ފާޅުކުރަމުންނެވެ. 

img:http://s4.psmnews.mv/images/660x400/14810029015382.jpg|ޖަޔާލަލީތާ އަވަހާރަވުމާއި ގުޅިގެން އެކަމަނާއަށް ތާޢީދުކުރާ ބަޔަކު ހޮސްޕިޓަލް ބޭރުގައި ހިތާމަ ފާޅުކުރަނީ

ޖަޔާލަލީތާ އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ރައީސް ޕްރަނާބް މުކެރެޖީ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާގެ އެތައް މިލިއަން ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިތާމައިގެ ޝުޢޫރުތައް ހާމަކުރަމުންނެވެ.

ޖަޔާލަލީތާގެ ހާލުކޮޅު ދެރަވެ ފުރަތަމަ ފަހަރަށް އެޑްމިޓްކުރީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އެކަމަނާގެ ޕާޓީން އޭރު ބުނަމުންދިޔައީ އެކަމަނާ ފަރުވާ ހޯއްދަވަމުން ގެންދެވީ އާދަައިގެ ބައްޔަކަށްކަމަށެވެ. ނަމަވެސް އެކަމަނާގެ ހާލު ވަރަށް ސީރިއަސްކަމަށާއި، ނޭވާލުމަށް ރެސްޕިރޭޓަރީ ސަޕޯޓްގެ އެހީތެރިކަން ހޯދަމުންދާކަން ފަހުން ހާމަވިއެވެ. 

ޓަމިލް ނާޑޫގެ ސްޓޭޓްގެ އެންމެ އިސް މަޤާމުކަމަށްވާ، ޗީފް މިނިސްޓަރުކަން ހަތަރު ފަހަރެއްގެ މަތިންކުރައްވާފައިވާ ޖަޔާލަލީތާ އަކީ ސިޔާސީ މައިދާނަށް ވެންނެވުމުގެ ކުރިން އިންޑިއާގެ މަޝްހޫރު ފިލްމީ ބަތަލާއެކެވެ.