ދުނިޔެ

އުޒްބެކިސްތާނަށް އައު ރައީސަކު އިންތިޚާބުކޮށްފި


އުޒްބެކިސްތާނުގެ ރައީސްކަމުގެ މަޤާމަށް އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި ޝައުކަތު މެރްޒެޔޯއޭވް އިންތިޚާބުވެވަޑައިގެންފިއެވެ. 

އުޒްބެކިސްތާނުގެ ރައީސްކަމުގެ މަޤާމަށް ޝައުކަތު މެރްޒެޔޯއޭވް އިންތިޙާބުވެވަޑައިގެންފައިވަނީ 27 އަހަރު ވަންދެން ވެރިކަންކުރެއްވި އިސްލާމް ކަރިމޯވް މިދިޔަ ސެޕްޓެމްބަރުމަހު އަވަހާރަވުމާ ގުޅިގެން އެޤައުމުގައި ބޭއްވި ވާދަވެރިކަމެއް ނެތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެނެވެ. ހުޅަނގުން ވަރަށް ބޮޑަށް ފާޑުކިޔާފައިވާ މިއިންތިޚާބު މެރްޒެޔޯއޭވް ކާމިޔާބު ކުރައްވާފައިވަނީ 88.61 އިންސައްތައިގެ އަޤްލަބިއްޔަތަކުންނެވެ. 

ޝައުކަތު މެރްޒެޔޯއޭވް އަކީ 1991 ވަނަ އަހަރު ސޮވިއެޓް ޔޫނިއަނުން މިނިވަންވި އުޒްބެކިސްތާނުގެ ރައީސްކަމުގެ މަޤާމަށް ވަޑައިގެންނެވި 2 ވަނަ ބޭފުޅާއެވެ. ސޮވިއެޓް ޔޫނިއަނުން މިނިވަންވިފަހުން އެޤައުމުގައި ވެރިކަންކުރަމުން ގެންދިޔައީ އިސްލާމް ކަރިމޯވްއެވެ. 

އިސްލާމް ކަރިމޯވްގެ ވެރިކަމުގައި ޝައުކަތު މެރްޒެޔޯއޭވް އުޒްބެކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ 2003 ވަނަ އަހަރުއެވެ.