ޚަބަރު

ރައީސް ޔާމީން، ބަންގްލަދޭޝް ސަފީރަށް ޝުކުރު އަދާކުރައްވައިފި


ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކާޒީ ސަރްވާރް ޙުސައިންގެ ދައުރުގައި އެމަނިކުފާނު ރާއްޖެއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝް ސަފީރަށް ޝުކުރު އަދާކުރެއްވީ ބަންގްލަދޭޝް ސަފީރު ކާޒީ ސަރްވާރް ޙުސައިން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް މިއަދު ކުރެއްވި ވަދާޢީ ޒިޔާރަތުގެ ތެރެއިންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ކުރިއަށް އޮތްތާނގައިވެސް ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދުގައިވާ ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14809476350720.jpg|ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ބަންގްލަދޭޝްގެ ސަފީރު ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝްގެ ސަފީރު ހިޒް އެކްސެލަންސީ ކާޒީ ސަރްވާރް ޙުސައިން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ ފަރާތުން އެމަނިކުފާނަށް ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ސަފީރުކަމުގެ މަޤާމާ ދެން ހަވާލުވެވަޑައިގަންނަވާ ބޭފުޅަކަށްވެސް މި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އޮތް ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރަށް ފާގަތި ދުވަސްތަކަކަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.