ޚަބަރު

ސައުތު އެފްރިކާގެ އައު ސަފީރު ފަތްކޮޅު އަރުވައިފި


ސައުތު އެފްރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން – ރެޒިޑެންޓް ސަފީރު، ހަރ އެކްސެލެންސީ މިސް ރޮބީނާ ޕެޓްރީޝިއާ މާކްސް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ސައުތު އެފްރިކާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ. އަދި އައު ސަފީރުގެ ސަފީރުކަމުގައި ދިވެހިރާއްޖެއާއި ސައުތު އެފްރިކާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސައުތު އެފްރިކާއިން ވިޔަފާރީގެ ދާއިރާގައި ހޯދާފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވައި، ރާއްޖެއާއި ސައުތު އެފްރިކާއާ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރު ހަރުފަތްތަކަކަށް ގެންދިއުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސައުތު އެފްރިކާގެ ސަފީރު މަޝްވަރާ ކުރެއްވިއެވެ. 

img:http://s2.psmnews.mv/images/660x400/14809468950420.jpg|ސައުތް އެފްރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މި ސަރުކާރުން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ހޯދައިދީފައިވާ ކާމިޔާބީތައް ރައީސުލްޖުމްހޫރިއްޔާ މިބައްދަލުކުރެއްވުމުގައި ހިއްސާ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި، ރާއްޖެއާއި ސައުތު އެފްރިކާއާ ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސައުތު އެފްރިކާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާއަށް ވިދާޅުވި މަރްޙަބާއަށްޓަކައި ޝުކުރު ދަންނަވައި، އެކަމަނާގެ ސަފީރުކަމުގައި ރާއްޖެއާއި ސައުތު އެފްރިކާއާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ދިވެހިރާއްޖެއިން ސައުތު އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސަލް މުޙައްމަދު ޢަލިމަނިކު ‏ބައިވެރިވެވަޑައިގެންނެވިއެވެ.