ދުނިޔެ

ޖަޕާނުގެ ލީޑަރަކު ފުރަތަމަ ފަހަރަށް ޕާލް ހާބަރއަށް !


1941 ވަނަ އަހަރު ޖަޕާނުން ޙަމަލާދިން އެމެރިކާގެ ޕާލް ހާބަރއަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާކަން އިޢުލާންކުރައްވައިފިއެވެ. 

ޕާލް ހާބަރއަށް ޒިޔާރަތްކުރައްވާނެކަން އިޢުލާންކުރައްވަމުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ، ޕާލް ހާބަރއަށް ޒިޔާރަތްކުރައްވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއެކު މިމަހުގެ ފަހުކޮޅުކަމަށެވެ. މިއީ ޕާލް ހާބަރއަށް 1941 ވަނަ އަހަރު ޖަޕާނުން ޙަމަލާ ދިން ހާދިސާއަށްފަހު ޖަޕާނުގެ ލީޑަރަކު ޕާލް ހާބަރއަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ. 

img:http://s4.psmnews.mv/images/660x400/14809434211288.JPG|ޖަޕާނުން 1941 ވަނަ އަހަރު ޕާލް ހާބަރއަށް ބޮން އެޅުމަށްފަހު ލިބުނު ގެއްލުންތައް ފެންނަ ފޮޓޯއެއް

އަބޭ ވިދާޅުވީ މިއީ އެމެރިކާއިން ނިއުކްލިއަރ ބޮން އެޅި ހިރޯޝީމާއަށް އޮބާމާ ކުރެއްވި ޒިޔާރަތުގެ ބަދަލެއްގެ ގޮތުން ކުރައްވާ ޒިޔާރަތެއްކަމަށެވެ. އޮބާމާއަކީ ހީރޯޝީމާއަށް ޒިޔާރަތްކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސްއެވެ. ހީރޯޝީމާއަކީ ޖަޕާނުން ޕާލް ހާބަރއަށް ބޮން އެޅުމާއި ގުޅިގެން، އެމެރިކާއިން ބަދަލު ހިފުމަށް ނިއުކްލިއަރ ބޮން އެޅި ޖަޕާނުގެ ދެ ސިޓީގެ ތެރެއިން އެއް ސިޓީއެވެ. 

ޖަޕާނަށް އެޅި ނިއުކްލިއަރ ބޮމާ ގުޅިގެން ސަތޭކަ ހާހަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނެވެ.