ކެއަރ ސޮސައިޓީއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގުޅިގެން "މަގޭ ފަންނު" ގެ ނަމުގައި އަންނަ އަހަރު ކުރެހުމުގެ މަޢުރަޒެއް ބާއްވަން ނިންމައިފިއެވެ.
1998 ވަނަ އަހަރު އުފެދުނު ކެއާރ ސޮސައިޓީއަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމް އުނގަންނައިދީ، އެފަރާތްތަކުގެ ހައްޤުގައި މަސައްކަތްކުރުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. ކެއަރ ސޮސައިޓީއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅިގެން "މަގޭ ފަންނު" ގެ ނަމުގައި ފެށުމަށް ނިންމާފައިވާ ކުރެހުމުގެ މައުރަޒާއި ގުޅޭގޮތުން މަޢުލޫމާތުދެމުން ކެއަރ ސޮސައިޓީގެ އެސިސްޓެންޓް ޓީޗަރ އާއިޝަތު ނަހުލާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އުމުރުން 14 އަހަރުންމަތީގެ ކޮންމެ ބޭފުޅަކަށްވެސް މި މައުރަޒުގައި ބައިވެރިކުރެވޭނެ ކަމަށެވެ. އަދި މި މައުރަޒު ބޭއްވުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެފަރާތްތަކަކީ ފަންނުގެ ތެރެއިން މުޖުތަމައުގެ އެހެން ފަރުދުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭ ފަދަ ޤާބިލްކަން ހުރި ބައެއްކަން ދައްކުވައި ދިނުމުގެ ގޮތުން ކުރިއަށްގެންދަން ނިންމި ކުރެހުމުގެ މައުރަޒެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.
ކެއަރ ސޮސައިޓީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގައި ކަމަށެވެ. މިމައުރަޒުގައި ދެ ދާއިރާއަކުން ކުރެހުން ބައިވެރިކުރެވޭނެ ކަމަށެވެ. އަދި އެ ދެ ދާއިރާއަކީ "މަގޭ ހުނަރު" އަދި "މަގޭ ހަދިޔާ" ކަމަށެވެ.
"މަގޭ ހުނަރު" މި ބައިގައި ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށް ބައިވެރިވެވޭއިރު "މަގޭ ހަދިޔާ"ގައި ބައިވެރިކުރެވޭނީ ފަންނީ ގޮތުން އެންމެ ފާހަގަކޮށްލެވޭ ކުރެހުންތައް ކަމަށް ކެއަރ ސޮސައިޓީން ވިދާޅުވެއެވެ. މިމައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މައުރަޒަށް އެދުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 15 ވަނަ ދުވަހު ކަމަށް ކެއަރ ސޮސައިޓީން މަޢުލޫމާތުދެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް މަސައްކަތް ކުރުމާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރުން، އަދި ޤައުމަށް ދިމާވާ ކާރިސާ ތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކެއަރ ސޮސައިޓީގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަން ފާހަގަކޮށްލެވެއެވެ.