ދުނިޔެ

"މިޔަންމާގައި ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓުވަންޖެހޭ"


ރޮހިންގޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރުމަށް މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ބައިނަލްއަޤްވާމީ މުޖްތަމަޢުއަށް ގޮވާލައްވައިފިއެވެ. 

މެލޭޝިޔާގެ ބޮޑުވަޒީރު މިކަމަށް ގޮވާލެއްވީ ރޮހިންގޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލާ މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަންޕޫރުގައި އެތައް ހާސް ބަޔަކު ބައިވެރިވި މުޒާހަރާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. މެލޭޝިޔާއަކީ ރޮހިންގޔާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް މިޔަންމާގައި ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ޤައުމެވެ. މިޔަންމާގައި ހިންގާ އަމަލުތަކަކީ ރޮހިންގޔާ ދަރިކޮޅުގެ މީހުން ހުސްކޮށްލުމަށް ހިންގާ އަމަލުތަކެއް ކަމަށް މެލޭޝިޔާއިން ސިފަކުރެއެވެ. 

"އަނިޔާވެރި އަމަލުތައް ހިންގާއިރު، ދުނިޔެއަށް މިއަދަކު ބަލަން އިނދެވޭކަށް ނެތް" މުޒާހަރާގެ ބައިވެރިންނާއި މުޙާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވިއެވެ. މިޔަންމާއިން ބުނަނީ އެޤައުމުގެ ދާހިލީ ކަންކަމާއި މެލޭޝިޔާއިން ބެހެމުންދާކަމަށާއި، އެއީ އާސިއާންގެ އުޞޫލުތަކާއި ޚިލާފް ކަމެއްކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން ނަޖީބް ވިދާޅުވީ، އަސިއާންގެ ޤައުމުތަކުން އިޙްތިރާމްކުރަންޖެހޭ އިންސާނީ ހައްޤުތަކެއްވެސް ހުންނަކަމަށެވެ. 

img:http://s2.psmnews.mv/images/660x400/9059.jpg|އަންގ ސަންގ ސޫޗީ / ރޮހިންގޔާ ދަރިކޮޅުގެ މީހުންގެ މައްސަލައަށް އެއްވެސް ވަރަކަށް އަޅައެއް ނުލައްވާ

ނަޖީބް ވަނީ ނޮބެލް ސުލްޙައިގެ އިނާމް ހޯއްދަވާފައިވާ މިޔަންމާގެ ލީޑަރު އަންގ ސަންގ ސޫޗީއަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މިޔަންމާގައި ހިންގާ ލާއިންސާނީ އަމަލުތަކަށް އެކަމަނާ އަޅާ ނުލައްވާކަމަށާއި، އަދި އެކަމާއި ބެހޭގޮތުން މަޝްވަރާކުރަން ބޭނުންނުވާކަމަށް އެކަމަނާ ވިދާޅުވެފައިވާކަމަށް ނަޖީބް ވިދާޅުވިއެވެ. 

ނަމަވެސް އެއީ ގޮތެއް ނޫންކަމަށާއި، ކޮންމެކަަމަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވެންޖެހޭކަމަށް ނަޖީބް ވިދާޅުވިއެވެ. މެލޭޝިޔާއިން ވަނީ މިދިޔަ ހަފްތާގައި އެޤައުމުގެ ހުންނަ މިޔަންމާގެ ސަފީރު ހާޒިރުކޮށް ރޮހިންގޔާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް ހިންގާ އަމަލުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދެ ޤައުމުގެ ބާވީސް އަހަރުން ދަށުގެ ޤައުމީ ޓީމު ކުޅެން އޮތް އެކުވެރިކަމުގެ މެޗެއްވެސް މެލޭޝިޔާއިން މިހާރު ވަނީ ކެންސަލްކޮށްފައެވެ. 

img:http://s2.psmnews.mv/images/660x400/14808640863304.jpg|މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤު މުޒާހަރާގައި ވާހަކަފުޅުދައްކަވަނީ

މެލޭޝިޔާގައި ދިރިއުޅޭ ރޮހިންގޔާ ދަރިކޮޅުގެ ޖަމާޢަތުގެ ރައީސް ވަނީ މެލޭޝިޔާއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި މުސްލިމް މުޖްތަމަޢުއާއި ހުޅަނގުގެ ޤައުމުތަކަށް މިމައްސަލަ ހައްލުކޮށްދެއްވުމަށް ބާރު އެޅުމަށް މެލޭޝިޔާއިން މަސައްކަތްކޮށްދެއްވުމަށް އޭނާ އެދިވަޑައިގަތެވެ. 

މިޔަންމާގެ ރަހިނީގައި މިހާރު ކުރިއަށްދާ އަނިޔާވެރި ހަމަނުޖެހުންތަކަކީ 2012 ވަނަ އަހަރު އެތައް ސަތޭކަ ބަޔަކު މަރުވި ހަމަނުޖެހުންތަކަށްފަހު ކުރިއަށްދާ އެންމެ އަނިޔާވެރިކަން ބޮޑު ހަމަނުޖެހުމެވެ. ބުޑިސްޓުންނާއި މުސްލިމުންނާއި ދެމެދު ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ރަހިނީގެ ގިނަ ބަޔަކު ވަނީ އެހެން ޤައުމުތަކަށް ޙިޖުރަކޮށްފައެވެ.