ދުނިޔެ

ހަލަބުގައި ހިނގަމުންދާ ހަނގުރާމައިގައި 50 މީހުން މަރުވެއްޖެ


ނޮވެމްބަރު މަހުގެ 28 ން ފެށިގެން ސޫރިޔާގެ ހަލަބުގައި ބަދަލުކުރަމުންދާ ޙަމަލާތަކުގައި 50 މީހުން މަރުވެ، 700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ހަލަބްގެ ހޮސްޕިޓަލުން ބުނެފިއެވެ.

ވޭތުވެދިޔަ 6 ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލަށް މަރުވެފައިވާ 50 މީހުންގެ ހަށިތައް ގެނައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި 700 އަށް ވުރެ ގިނަ މީހުން ހަނގުރާމައިގައި ބަދަލުކުރެވެމުންދާ ޚަމަލާތަކުގެ ސަބަބުން ޒަހަމްވެގެން ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެނެވިފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ސޫރިޔާގެ ހަލަބުގައި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަޙައްދުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ސަރުކާރު ފައުޖުތަކުން ދަނީ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަނުގެ ސަބަބުން ހަލަބުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެ، އެތައް މިލިއަން ރައްޔިތުންނެއް އަމިއްލަ ގެދޮރު ދޫކޮށް ދާންޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.