ޚަބަރު

ނުކުޅެދުންތެރިކަމުގެ ދުވަސް ހއ. އިހަވަންދޫގައި ފާހަގަކުރައްވައިފި


ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަމުގެ ދުވަސް ހއ. އިހަވަންދޫގައި ކުލަގަދަކޮށް ފާހަގަކުރައްވައިފިއެވެ.

މިދުވަސް ފާހަގަކުރެއްވުމުގެ ގޮތުން އެރަށުގައި ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވަވާފައެވެ. މި ކުޑަކުދިންގެ ހަވީރަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސާއި ހއ. އިހަވަންދޫގައި މިހާރު ކުރިޔަށް ގެންދަވާ މަލްޓިމީޑިއާ ކޯހުގެ ދަރިވަރުން އިސްނަގައިގެން ހިންގި ޙަރަކާތެކެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ހއ. އިހަވަންދޫގައި ހިންގެވި ޙަރަކާތުގައި އެރަށުގެ ތިބި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ އިތުރުން ޢާންމުންގެ ގިނަބަޔަކު ބައިވެރިވެފައިވެއެވެ. އެމް.އެން.ޑީއެފާއި ކައުންސިލް ގުޅިވަޑައިގެން އެރަށުގައި ހިންގަވާ މަލްޓިމީޑިއާ ކޯހުގެ ދަރިވަރުންގެ ޚާއްޞަ އިސްނެގުމެއްގެ ދަށުން ފާހަގަކުރި މި ހަވީރުގައި، އެކުލާހުގައި ކިޔަވަމުން ގެންދަވާ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބައިވެރިވެފައިވެއެވެ. އަދި މި ހަވީރު ޝަރަފްވެރިކޮށްދިނީވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންކަން ފާހަގަކޮށްލެވެއެވެ. 

މި ހަވީރުގައި ވާހަކަ ދައްކަމުން މަލްޓިމީޑިޔާގެ ދަރިވަރެއްކަމަށްވާ މުޙައްމަދު މާއިޒް ބުނީ އެކުދިން ތަޙައްމަލް ކުރަމުންދާ ހިތްދަތިކަން ގަލަމަކުން ބަޔާންކޮށް ނުދެވޭނެ ކަމަށެވެ. އަދި އެފަދަ މީހަކަށް މެނުވީ އެކަމުގެ ހިތްދަތިކަން ސިފަކުރަން ނޭންގޭނެ ކަމަށެވެ. އެފަދަ ކުދިންނަށް ބޭނުންވާ ލޯތްބާއި އިޙްތިރާމް ބޭނުންވާކަން ފާހަގަ ކުރަމުން މާއިޒް ބުނީ މިކަހަލަ ހަވީރެއް އެކުދިންގެ ޙަޔާތަށް ދުވަހަކުވެސް ނާންނަކަމަށެވެ. އިހަވަންދޫގައި ފާހަގަކުރި މި ހަވީރު އިންތިޒާމް ކުރުމުގައި ޙަރަކާތްތެރިވި މަލްޓިމީޑިއާ ކޯހުގެ ދަރިވަރު ބުނީ މިއީ ނުކުޅެދުންތެރިކަން ހުރި ކުދިންގެ އަގުވަޒަންކޮށް އެކުދިންނަކީ މި މުޖުތަމަޢުގައި މުހިންމު ބައެއްކަން ހާމަކޮށްދިނުމަށް ފާހަގަކުރި ހަވީރެއް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުރި ކުދިންގެ އިޙްސާސްތައް އެންމެ ބޮޑަށް ތަޙައްމަލު ކުރަމުންގެންދާ އެއްބަޔަކީ އެކުދިންގެ މައިންބަފައިންނެވެ. އިހަވަންދޫގައި ދިރިއުޅޭ މިފަދަ ކުދިންގެ ޢާއިލާތަކުގެ ބެލެނިވެރިން އެކުދިންނާމެދު ކުރަމުންދަނީ ފޮނި އުންމީދުތަކެކެވެ. އަދި އެމް،އެން.ޑީއެފުން އިސްނަންގަވައިގެން އިހަވަންދޫ ކައުންސިލާ ގުޅިވަޑައިގެން ހިންގަވާ މަލްޓިމީޑިއާ ކޯހުގައި، އެފަދަ ކުދިން ބައިވެރިކޮށް، އެކުދިންނަށް ދެއްވަމުން ގެންދަވާ އަޅާލުމާއި އެހީތެރިކަން އެ ބެލެނިވެރިން ޝުކުރުވެރިކަމާއެކު ވަނީ ބަލައިގެންފައެވެ. img:http://s4.psmnews.mv/images/660x400/14807781626182.jpg|ނުކުޅެދުންތެރިކަމުގެ ދުވަސް ހއ. އިހަވަންދޫގައި ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ހަވީރުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ އެމް.އެން.ޑީ އެފުން މި ފަދަ ކުދިންނާއި އެކުދިންގެ ޢާއިލާއަށް ހިތްހަމެޖުން ގެނެސްދެއްވާފައިވާ ކަމަށާއި މިފަދަ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވަމުން ގެންދަވާ މަސައްކަތް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. މުޖުތަމަޢުގެ އެހެން ކުދިންނެކޭ އެއްގޮތަށް މިކުދިންގެވެސް ޙައްގުތަކެއް ވާކަމަށާއި އެގޮތުން އިހަވަންދޫ ސްކޫލުގައި މި ފަދަ ކުދިންނަށް ކިޔެވުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެއްވިއެވެ. އަދި އެފަދަ ކުދިންނަށް ސްކޫލުން ދެއްވާ ޚިދުމަތްތައް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރައްވާ ނުކުޅެދުންތެރިކަން ހުރި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިހަވަންދޫގައި ކުރިޔަށްގެންދިޔަ ހަވީރުގައި އެކި އުމުރުފުރާތަކުގެ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވިއެވެ. މި ހަވީރުގައި ދުވަހާ ގުޅޭގޮތުން ޙާއްސަ ކޭކެއް ފަޅާފައިވެއެވެ. ކޯހުގެ ބައިވެރިންގެ ފަރާތުން ތައްޔާރުކޮށްފައިވާ 6 ސްޓޯލާއި އެމް.އެންޑީއެފްގެ ފަރާތުން ހިންގެވި އަލިފާން ނިއްވުމުގެ ޙަރަކާތާއި ވޯޓާރ ސްލައިޑްގެ އިތުރުން ކޯސްޓްގާރޑްގެ ކާނި ލޯންޗް ބަލާލުމުގެ ފުރުޞަތު މި ހަވީރުގައި ބައިވެރިވި ފަރާތްތަކަށް ދެއްވާފައިވެއެވެ. މި ޙަރަކާތުން ފާހަގަވި އެންމެ ބޮޑު އެއްކަމަކީ އިހަވަންދޫ ރައްޔިތުންގެ ހިތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޮތް ލޯތްބާއި އޯގާތެރިކަމެވެ.