ޚަބަރު

އުލިގަމުގައި އަޅާ ކަސްޓަމްސްގެ ޢިމާރާތް މި މަހުގެ ނިޔަލަށް ނިމޭނެ


ހއ. އުލިގަމުގައި ޢިމާރާތްކުރައްވަމުން ގެންދަވާ ކަސްޓަމްސް ބިލްޑިންގގެ މި މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސުން ވިދާޅުވެއްޖެއެވެ. ޢިމާރާތުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސީނިއަރ ސްޕުރިންޓެންޑެންޓް އަޙްމަދު ނިޔާޒް ވިދާޅުވިއެވެ.

ކަސްޓަމްސްގެ ޚިދުމަތް ފުޅާކުރެއްވުމުގެ ގޮތުން ރާއްޖޭގެ އެކި އެކިކަންކޮޅުތަކުގައި ކަސްޓަމްސްގެ އޮފީސް ޢިމާރާތް ކުރައްވައި ޚިދުމަތް ޤާއިމްކުރެއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. ހއ. އުލިގަމުގައި މިހާރު ޢިމާރާތް ކުރައްވަމުން ގެންދަވާ ކަސްޓަމްސް އިމާރާތާއިގުޅޭ މަޢުލޫމާތު ދެއްވަމުން، އުލިގަމު ކަސްޓަމްގެ ޢިމާރާތް ނިންމަވައި އަންނަމަހުގެ ތެރޭގައި ބޭނުންކުރަންވަން ފެށޭވަރުވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. މި ޢިމާރާތުގައި އޮފީސް ބަޔަކާއި ޓްރެއިނިންގ ދިނުމަށް ޚާއްޞަ ބަޔަކާއި އޮފީހަށް ޚާއްޞަ ބައެއް ހުންނާނެ ކަމަށް ކަސްޓަމްސުން ވިދާޅުވެއެވެ. އުލިގަމުގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ކަސްޓަމްސްގެ ޚިދުމަތް ދެއްވުމަށްޓަކައި ވަނީ އޮފީސްތައް ޤާއިމް ކުރައްވާފައެވެ.

ކަސްޓަމްސްގެ ޚިދުމަތްތައް ފުޅާކުރެއްވުމަށްޓަކައި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ޕީ.އެސް.އެމްއާ ޙިއްޞާކުރައްވަމުން ނިޔާޒް ވިދާޅުވީ ހުޅުމާލޭގައި ކަސްޓަމްސްގެ ޢިމާރާތެއް އެޅުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ޢިމާރާތް އެޅުއްވުމަށް ބޭނުންވާ ބިމުގެ ކަންތައް ހަމަޖެހެމުންދާ ކަމަށެވެ.

"ހުޅުމާލޭގައި ކަސްޓަމްސްގެ އޮފީހެއް ހިންގަވާނެ ޢިމާރާތެއް އެޅުއްވުމަށް ބޭނުންވާ ބިމުގެ ކަންތައްތައް ހަމަޖެހެމުންދަނީ ބިމުގެ ކަންތައް ހަމަޖެހުނީމަ ހުޅުމާލޭގައި ކަސްޓަމްސްގެ އިމާރާތެއް އަޅާނެ." ސީނިއަރ ސްޕްރިންޓެންޑެންޓް އަޙްމަދު ނިޔާޒް ވިދާޅުވިއެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތައް ރާއްޖޭގައި އެކި ސަރަޙައްދުތަކުގައި ގެންދަވަނީ ހިންގަވަމުންނެވެ. ރާއްޖޭގައި ބޭރުން މުދާ ކުލިއަރކުރާ ކޮންމެ ތަނެއްގައި ކަސްޓަމްސްގެ އޮފީހެއް ހުންނަންޖެހެއެވެ. ރާއްޖޭގައި ކަސްޓަމްސް ޚިދުމަތް ދެއްވަން ފަށްޓަވާފައިވަނީ 1890ގެ ތެރޭގައެވެ.