ތަޢުލީމު

"އައިޔޫއެމްގެ ވަޞީލަތްތައް އިތުރުކުރެއްވުމަށް އިސްކަންދެއްވާނަން"


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސިޓީ ޤާއިމްކުރެއްވީ 13 ޖުލައި 2015 ގައެވެ. އިސްލާމީ ޔުނިވަރިސިޓީ އުފެއްދެވުމުގެ މަޤްސަދަކީ، ރާއްޖޭގައި އިސްލާމީ ތަޢުލީމެއް ފޯރުކޮށްދެއްވާ، އިސްލާމީ މުޖުތަމަޢު ބިނާކުރެއްވުމެވެ. އިސްލާމީ ޔުނިވަރސިޓީ އުފެދުނު ފަހުން މިވީ ދޮޅުއަހަރު ދުވަހުގެ ތެރޭގައި އެޔުނިވަރސިޓީން އެތައް އުސްމިނިކަށް ވާޞިލްވެފައިވާކަން އެޔުނިވަރސިޓީން ފާހަގަކުރައްވައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބައެއް ދާއިރާތަކުން ޕީއެޗްޑީ ފެންވަރަށް ކޯސްތައް ހިންގަވައެވެ.

އިސްލާމީ ޔުނިވަރސިޓީން އިންތިޒާމް ކުރައްވައިގެން ބޭއްވެވި އިސްލާމިކް ކޮންފަރެންސް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން އެޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަޙީމް އަލީ ސައީދު ވިދާޅުވީ، އެޔުނިވަރސިޓީން އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެކަޑަމިކް ގޮތުން ކަންކަން ހަރުދަނާކުރައްވައި، އިޤްތިޞާދީ ގޮތުން އައިޔޫއެމްގެ އަމިއްލަ ވަޞީލަތްތައް އިތުރުކުރެއްވުމަށް ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14780978308792.jpg|ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ޗާންސެލަރ ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީ ތަރައްޤީކުރެއްވުމަށް ޔުނިވަރސިޓީ ޑިވަލޮޕްމަންޓް ފަންޑުގެ ނަމުގައި ފަންޑެއް ޤާއިމްކުރައްވައި، އެފަންޑަށް 6 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރައްވާފައިވާ ކަމަށެވެ. މިފަންޑު މުއްސަނދި ކުރެއްވުމަށްޓަކައި އެކުވެރި ދައުލަތްކާއި، އޯއައިސީ ގެ އެހީތެރިކަން ހޯއްދަވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ޗާންސެލަރ ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީން ދެއްވާ ތަޢުލީމްގެ ފެންވަރު މަތި ކުރެއްވުމުގެ ގޮތުން އެޔުނިވަރސިޓީން ވަނީ ބޭރުގެ މަޝްހޫރު 8 ޔުނިވަރިސިޓީއާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން، މިއަހަރު ޕީއެޗްޑީއަށް ކިޔެވުމުގެ 4 ސްކޮލަރޝިޕް ލިބިފައިވާ ކަމަށް އިސްލާމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. އަދި އެޔުނިވަރސިޓީ ތަކުގެ ފަންނީ ޢިލްމީ އެހީތެރިކަމާއި، ޕްރޮފެސަރުންގެ އެއްބާރުލުން ލިބެމުންދާ ކަމަށް އިސްލާމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.

އިސްލާމީ ޔުނިވަރސިޓީގައި ތަފާތު އެކި ކޯސްތަކުގައި ތިންހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާސިލްކުރަމުންދެއެވެ.