ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުން


ބައިނަލް އަޤްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާއި ގުޅުވައިގެން ޖެންޑަރ މިނިސްޓްރީން ޚާއްޞަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމަވައިފިއެވެ.

މި ދުވަހާއި ގުޅުވައިގެން ބާއްވަވާ އެންމެ ބޮޑު ޙަރަކާތަކީ، މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ "އެކުވެރިކަމުގެ ފެތުމުގެ ޗެލެންޖް" ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މި ޗެލެންޖްގައި ބައިވެރިވަނީ ސްރީލަންކާ އަސްކަރިއްޔާގެ ޚާއްޞަ ޕެރަ އޮލިމްޕިކްސް ފެތުންތެރިންނާއި ރާއްޖޭގެ ޤައުމީ ފެތުންތެރިންގެ ޓީމެކެވެ. މި ޗެލެންޖުގައި ބައިވެރިވާ ލަންކާގެ ޓީމް މިހާރު ވަނީ ރާއްޖޭގައި ފަރިތަކުރުންތައް ފަށާފައެވެ. މިއަދު ހަވީރު ހަތަރެއް ޖަހާއިރު އާރޓިފިޝިއަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޙަރަކާތް ބަލާލުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މި ޙަރަކާތަކީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވަވާ ޙަރަކާތެއް ނޫންކަމަށާއި، ވީހާވެސް ގިނަ އާއްމުން މި ޙަރަކާތް ބަލާލުމަށް އައުމަށް ޖެންޑަރ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެފަދަ ފަރާތްތަކުގެ ޢާއިލާތަކަށް ޢަމާޒުކޮށްގެން، ޖެންޑަރ މިނިސްޓްރީއާއި ޕީ.އެސް.އެމް ގުޅިގެން ބާއްވާ ޚާއްޞަ ޕެނަލް ޑިސްކަޝަނެއްވެސް މާދަމާރޭ އޮންނާނެއެވެ. މި ޕެނެލް ޑިސްކަޝަން މާދަމާރޭ 10:00ގައި ޓީ.ވީ.އެމުން ދައްކާނެއެވެ.

މީގެ އިތުރުންވެސް މިދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާ ކެމްޕޭނެއް ކުރިޔަށް ގެންދެވުމަށް ޖެންޑަރ މިނިސްޓްރީން ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.