ޚަބަރު

އެމްއޭޕީޑީން ޚާއްޞަ ހިނގާލުމެއް ބާއްވައިފި


ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ފިޒިކަލް ޑިސޭބަލްސް އިން ހިނގާލުމެއް ބާއްވައިފިއެވެ. ބައިނަލް އަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޮރ ފިޒިކަލް ޑިސޭބަލްސް އިން ކުރިޔަށްގެންދިޔަ މި ހަރަކާތް ފަށާފައިވަނީ ސޯޝަލް ސެންޓަރުކުރިމަތިންނެވެ. މި ހިނގާލުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ސޯޝަލް ސެންޓަރ ކުރިމަތިން ފެށި މިހިނގާލުން ނިންމާލާފައިވަނީ ކަނބާއައިސާރަނި ހިނގުމުން ގޮސް އަމީނީމަގުން ގޮސް ރަސްފަންނު ކުރިމަތިން ސޯޝަލްސެންޓަރަށެވެ. މި ހިނގާލުމަށްފަހު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން އަދި ބެލެނިވެރިން އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14806922833347.jpg|ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމް އާ ވާހަކަދައްކަވަމުން އެމްއޭޕީޑީގެ ޗެއަރމަން އަޙުމަދު މުހައްމަދު ވިދާޅުވީ މި ހަރަކާތްކުރިޔަށްގެންގޮސްފައިވަނީ މާދަމާ ބައްވާ ޔޫއެންގެ ބައްދަލުވުމަށް، ނުކުޅެދުންތެރިކަން ހުންނަ އެއްބިލިއަން ފަރާތްތަކުގެ އަޑު ހުށަހެޅުމަށް ކުރިޔަށްގެންދާ ހާއްސަ ހަރަކާތުގެ ތެރެއިން ރާއްޖެއިން ބައިވެރިވުމުގެ ގޮތުންކަމަށެވެ.

ޔޫއެންގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑު އިއްވުމުގެ ގޮތުން އެއްބިލިއަން މީހުންގެ އަޑު އިއްވުމުގެ ހަރަކާތެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދާނެއެވެ. އަދި މި ހަރަކާތުގައި ރާއްޖެއިންވެސް ބައިވެރިވެއެވެ. އަދި ހިނގާލުމަށްފަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފާޅުކުރި ޝުއޫރުތައް ޔޫއެންއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.