ޚަބަރު

ދަ ގްރޭޓެސްޓް ޝެފް ޗެލެންޖުން ދިވެހި ޝެފުންނަށް ދެވަނަ


ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުގައި މަޝްހޫރުވެގެން ގޮސްފައިވާއިރު، ރާއްޖޭގެ ރިސޯޓްތަކުންނާއި، އެ ރިސޯޓްތަކުގައި މަސައްކަތްކުރާ ޝެފުން ދަނީ، ބައިނަލްއަޤްވާމީ ފެންވަރެއްގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

ދުނިޔޭގެ ފެންވަރުގައި ބާއްވާ ޓްރެވެލް އެވޯޑްސްތަކުގައި ރިސޯޓްތަކުން ރަންވަނަތައް ހޯދަމުންދާއިރު، ދިވެހި ޝެފުންވެސް އަންނަނީ ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ ރަންވަނަތަކެއް ހޯދަމުންނެވެ.

2016 ވަނަ އަހަރަށް އެކަނި ބަލާއިރުވެސް އޭޕްރީލް މަހުގެ 12 ން 15 އަށް ސިންގަޕޫރުގައި ބޭއްވި "ފުޑް އޭޝިއާ - އެފް.އެޗް.އޭ ކަލިނަރީ ޗެލެންޖް 2016" ގައި ދިވެހި ޝެފުންގެ ޓީމުން ވަނީ ސިލްވަރ މެޑަލަކާއި ބްރޯންޒް މެޑަލްއެއް ޙާޞިލްކޮށްފައެވެ.

އަދި މިމަހު 17 ން 27 ގެ ނިޔަލަށް ޗައިނާގެ ސޫޒޫ ޗިޓީގައި ބޭއްވި ސީސީޓީވީ "ދަ ގްރޭޓަސްޓް ޝެފްސް" ޗެލެންޖްގައި ދިވެހި ޝެފުން ޙާޞިލްކުރި ކާމިޔާބީ ފާހަގަކޮށްލެވެއެވެ.

img:http://s3.psmnews.mv/images/660x400/14806816717456.jpg|"ދަ ގްރޭޓެސްޓް ޝެފް ޗެލެންޖް"ގައި ބައިވެރިވި ބައެއް ޝެފުން-

މިމުބާރާތުގައި ޖުމްލަ 18 ޓީމަކުން ބައިވެރިވެފައިވާއިރު، ޤައުމުތަކުގެ ކެޓަގަރީން 9 ޓީމަކުން ބައިވެރިވެފައިވެއެވެ. ޤައުމުތަކުގެ ކެޓަގަރީން އިޓަލީ، އިންޑިޔާ އަދި ތުރުކީ ފަދަ ބޮޑެތި ޤައުމުތަކާ ވާދަކޮށް، ރާއްޖޭގެ ޓީމު ވަނީ ފަޚުރުވެރި ދެވަނަ ހޯދާފައެވެ. އަދި މުޅި މުބާރާތުގައި ބައިވެރިވި ޖުމްލަ 18 ޓީމު ހިމެނޭގޮތަށް، މުޅި މުބާރާތުންވެސް ދިވެހި ޓީމު ވަނީ 3 ވަނަ ޙާޞިލްކޮށްފައެވެ.

"ދަ ގްރޭޓެސްޓް ޝެފް ޗެލެންޖް" ގައި ބައިވެރިވި ދިވެހި ޝެފުންގެ ޓީމުން ބުނީ، މި ހުރިހައި ފުރުޞަތުތަކެއް ހޯދައިދެނީ ޝެފް ގިލްޑް އޮފް މޯލްޑިވްއިން ކަމަށާއި، އަދި މިކަމުގައި ޝެފުން މަސައްކަތްކުރާ ރިސޯޓްތަކުގެ މާލީ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށެވެ.

ގްރޭޓަސްޓް ޝެފްސް ޗެލެންޖުގައި ބައިވެރިވި ދިވެހި ޓީމުން ބުނީ މިފަހަރުގެ ތަޖުރިބާ ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ޗައިނާބަސް ނޭގުމާއި، އަދި ޗައިނާގައި ކެއްކުމަށް ބޭނުންކުރާ ތަކެތީގެ ތަފާތުކަން އެމީހުން ފާހަގަކުރިއެވެ. އެހެންނަމަވެސް މިގޮންޖެހުންތަކާ އެކުވެސް، ކާމިޔާބުވުމުން ޝެފުން ތިބީ އުފަލުންނެވެ.

ގްރޭޓަސްޓް ޝެފްސް ޗެލެންޖުގައި ބައިވެރިވި ދިވެހި ޝެފުން ބުނީ، މީކުރިއެރުން އޮތް ދާއިރާއެއްކަމަށާއި، އަދި ޢާމްދަނީއަށް ބަލާއިރުވެސް މިއީ ވަރަށް ރަނގަޅު ޕްރޮފެޝަންއެއް ކަމަށެވެ. އަދި ގިނަ ޒުވާނުން މިދާއިރާއަށް ނިކުތުމަށްވެސް އެމީހުން ވަނީ ހިތްވަރުދީފައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ވަނީ ސްޓެޕް ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށްޓަވާފައެވެ. އަދި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒުން ދަނީ ތަފާތު އެކި ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ.