ޚަބަރު

ދިރާގުން ކުޑަކުދިންގެ ހިޔާއަށާއި ފިޔަވައްޗަށް އެހީ ފޯރުކޮށްދީފި


ވިލިނގިލީގައި ހުންނަ ކުޑަކުދިިންގެ ހިޔާއަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ 9 އަހަރުން ދަށުގެ ކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވައްޗަށް ދިރާގުން އެހީ ފޯރުކޮށްދީފިއެވެ.

އެގޮތުން ދިރާގުން ވަނީ، އެކުންފުނިން 2013 ވަނަ އަހަރު ވިލިނގިލީ ކުޑަކުދިންގެ ހިޔާގައި ހުޅުވާފައިވާ ކޮމްޕިއުޓަރ ލެބަށް 5 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށް، ފިޔަވަތީގައި ޤާއިމުކޮށްފައިވާ ކޮމްޕިއުޓަރ ލެބަށް ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދީފައެވެ. މި އެހީގެ ތަކެތިފޯރުކޮށްދީފައިވަނީ އިއްޔެ ދިރާގުން ހުޅުމާލޭ ފިޔަވަތީގައި ބޭއްވި ޚާއްޞަ ކުޑަކުދިންގެ ހަވީރެއްގައެވެ.

img:http://s1.psmnews.mv/images/660x400/14806636763933.jpg|ދިރާގުން ފިޔަވަތީގެ ކޮމްޕިއުޓަރ ލެބަށް ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުން- ފޮޓޯ: ދިރާގު

މިއީ އެކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަހަރަކާތެއްކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. އަދި މި ހަވީރަކީ ވޭތުވެދިޔަ ދެއަހަރެކޭ އެއްފަދައިން، ސްކޫލް ބަންދާއިދިމާކޮށް 'ހިޔާގެ' ކުދިންނަށް އުފާވެރިމާހައުލެއް ހޯދައިދިނުމުގެ މަޤްސަދުގައި ހިންގުނު ހަރަކާތެއްކަމަށްވެސް ދިރާގުން ބުނެއެވެ.

img:http://s4.psmnews.mv/images/660x400/14806637350150.jpg|ދިރާގުން ކުޑަކުދިންގެ ހިޔާއަށް 5 ކޮމްޕިއުޓަރ ހަދިޔާކުރުން- ފޮޓޯ: ދިރާގު

ދިރާގަކީ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ޚިދުމަތްތަކެއް މުޖުތަމައަށް ފޯރުކޮށްދެމުންދާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދިރާގުން ދަނީ ކުޑަކުދިންގެ ހިޔާ އާއި ތަފާތު ނުކުޅެދުންތެރިކަންހުންނަ ކުދިންނަށްވެސް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. ދިރާގުގެ އިޖްތިމާއީ ޒިންމާގެދަށުން ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ސްޕޮންސަރ ކުރުމުގެ އިތުރަށް، ދިރާގުން މިހާރުވެސް އަންނަނީ ކުޑަކުދިންގެ ހިޔާއަށް 2008 ވަނަ އަހަރުން ފެށިގެން ޕޭރަންޓަލް ކޮންޓްރޯލާއިއެކު ހިލޭ އިންޓަނެޓްގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ.