ސިއްހަތު

ވީހާވެސް ގިނަ މީހުން އެއިޑްސަށް ޓެސްޓްކުރުމަށް ގޮވާލައްވައިފި


ވީހާވެސް ގިނަ މީހުން އެއިޑްސަށް ޓެސްޓްކުރުމަށް ހެލްތް މިނިސްޓަރ ޢަބްދު ﷲ ނާޒިމް އިބްރާހީމް، ގޮވާލައްވައިފިއެވެ.

ހެލްތް މިނިސްޓަރ ނާޒިމް މިކަމަށް ގޮވާލެއްވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެއިޑްސް ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވެވި ޤައުމީ ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ އެއިޑްސް ދުވަސް ފާހަގަކުރެއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަދު ހިންގެވި ޤައުމީ ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ނާޒިމް ވަނީ އެޗްއައިވީ އަށް ޓެސްޓްކުރުމާއި އެ ބައްޔާމެދު ޢާންމު ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރ ވިދާޅުވީ އާބާދީގެ ނިސްބަތަށް ބަލާއިރު ރާއްޖެއަކީ އެއިޑްސް ބަލި މަދު ޤައުމެއް ނަމަވެސް ހަމަޖެހިލައިގެން ތިބެވެން ނެތް ކަމަށެވެ. ސިއްރު ހިފެހެއްޓުމާއެކު އެއިޑްސްއަށް ޓެސްޓްކުރުމަށް ހެލްތު މިނިސްޓަރ ގޮވާލެއްވިއެވެ. އަދި ދިވެހިން ގިނައިން ދަތުރުކުރާ އަވަށްޓެރި ޤައުމުތަކަކީ އެއިޑްސް ބަލީގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ޤައުމުތަކެއްކަން ފާހަގަކުރައްވައި އެކަމަށް ސަމާލުވުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. މިއަދުގެ މުޖުތަމަޢުން ފެންނަ މަންޒަރުތަކަކީ އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް ފަސޭހައިން ފެތުރިދާނެ ފަދަ ކަންކަމަށްވާތީ، މި ބައްޔަށް މީހުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން މިނިސްޓަރ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ ބޯޑުގެ ރައީސާ އަނީސާ އަޙްމަދު ވިދާޅުވީ ދުނިޔޭގެ ނިސްބަތަށް ބަލާއިރު އެއިޑްސްޖެހޭ މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށެވެ. މިކަން މިހެން ވަނީ ދުނިޔޭގެ ހުރިހާ މުޖުތަމަޢެއްގައިވެސް އަންހެނުންނަކީ ބާރުވެރިކަން ކުޑަ ބަޔަކަށްވާތީ ކަމަށް އަނީސާ ވިދާޅުވިއެވެ. އަދި އަނިޔާވެރިކަމުގެ ތެރޭގައި އުޅޭ އަންހެނުންނަށް އެއިޑްސްގެ ނުރައްކާ އިތުރަށް ބޮޑުކަން އަނީސާ ވަނީ ފާހަގަކުރައްވާފައެވެ. އެއިޑްސްއަކީ ރާއްޖެއިން މުޅިން ނައްތާލެވިދާނެ ބައްޔެއް ކަމަށާއި، މިކަމަކީ އެންމެން ގުޅިގެން ޙާޞިލްކުރެވިދާނެ ލަނޑުދަނޑިއަކަށް ހެދިދާނެ ކަމަށް އަނީސާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ނާޒިމާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ރައީސާ އަނީސާ އަހުމަދާއި ޑަބްލިޔު އެޗް އޯގެ ރެޕްރެސެންޓޭޓިވް ޑރ. މާތުރް ވަނީ އެއިޑްސަށް ޓެސްޓް ކުރެއްވުމަށް ލޭދެއްވާފައިވެއެވެ. އެއިޑްސް ބައްޔަށް މީހުން ހޭލުންތެރިކޮށް، އެ ބަލިން ރައްކާތެރިވުމަށްޓަކައި، އެޗްއައިވީ ޖެހުމުގެ ނުރައްކާ އޮތް މިންވަރެއް އަމިއްލައަށް ބަލައިލެވޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކުރައްވައި ޢާންމުކުރައްވާފައެވެ.

"އެނގޭތަ" ނަމުގައި ތައްޔާރުކުރައްވާފައިވާ މި އެޕްލިކޭޝަން އައިޓިއުންސް ސްޓޯރގެ އިތުރުން ގޫގުލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ހެލްތް ޕޮރެޓެކްޝަން އޭޖެންސީން ވިދާޅުވެއެވެ.