ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަނީ


ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅުވައިގެން ރާއްޖޭގައި ޙަރަކާތްތައް ހިންގެވުމަށް އެހީތެރިކަން ހޯއްދެވުމަށް 7 ފަރާތަކާއެކު މިނިސްޓްރީ އޮފް ޖެންޑަރއިން އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ.

ޖެންޑަރ މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ ޑރ. ޢަތާޢު ﷲ ރަޝީދާއި، މިނިސްޓަރގެ ނާއިބު މިނިސްޓަރ ލީޝާ މުޙައްމަދެވެ. ޖެންޑަރ މިނިސްޓްރީއާއެކު އެއްބަސްވުންތަކުގައި ސޮއިކުރެއްވި 7 ފަރާތަކީ، ސުވިމިންގ އެސޯސިއޭޝަން، މެގަ މޯލްޑިވްސް އެއަރލައިން، ޕާރސަނަލް ކޮމްޕިއުޓަރސް، ޕްރިންޓް ލެބް، ސީ ސްޕޯޓްސް، މޯލްޑިވްސް ސުވަރޭޖް އެންޑް ވޯޓަރ ކޮމްޕެނީ، އެމްޑަބްލިޔުއެސްސީ، އަދި ނެކްސްޓް އިނޮވޭޝަނެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. މި ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމަށް ޖެންޑަރ މިނިސްޓްރީން ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

މި އެއްބަސްވުންތަކުގެ ދަށުން ދުވަހާގުޅޭ ޙަރަކާތްތަށް ރާވައި ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހު ހަވީރު އާރޓިފިޝަލް ބީޗުގައި ވޯޓަރ ސްޕޯޓްސް ޙަރަކާތްތަކެއް ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޙަރަކާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މިކަމަށް އަހުލުވެރި ކުރެއްވުވުމުގެ ގޮތުން މިނިސްޓީން ހިންގެވުމަށް ހަމަޖެހިފައިވާ ޙަރަކާތެއް ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.