ދުނިޔެ

ޓައިޓެނިކް ބަނުމުގެ މަސައްކަތް ޗައިނާގައި ފަށައިފި


1912 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 12 ވަނަ ދުވަހު އެޓްލާންޓިކް ކަނޑުގެ އަޑިއަށްދިޔަ މަޝްހޫރު ޕެސެންޖަރ ލައިން "ޓައިޓެނިކް" ގެ އަސްލާ އެއްގޮތަށް ބޯޓެއް ބަނުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކުން ފަށައިފިއެވެ. ޗައިނާގެ ބޯޓު ބަނުމުގެ މަސައްކަތްކުރާ ކުންފުންޏެއް ކަމަށްވާ ވޫޗަންގ ޝިޕްބިލްޑިން އިންޑަސްޓްރީ ގުރޫޕުން ޓައިޓެނިކްގެ އަސްލާ އެއްގޮތަށް ބޯޓެއް ބަނުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، މިމަސައްކަތް ކުރިއަށްދަނީ ޗައިނާގެ ސިޗުއާން ޕްރޮވިންސްގައެވެ. 

img:http://s2.psmnews.mv/images/660x400/14805920667202.jpg|ޓައިޓެނިކްގެ އަސްލާ އެއްގޮތަށް ބަންނަ ބޯޓުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދު

ޓައިޓެނިކްގެ އަސްލާއެއް ގޮތަށް ބޯޓެއް ބަންނަ މިއީ ފުރަތަމަ ފަހަރު ނަމަވެސް، މިބޯޓަކީ ކަނޑުގައި ދަތުރުކުރުމަށް ބަންނަ ބޯޓެއް ނޫނެވެ. އޭގެ ބަދަލުގައި މިބޯޓު ބަނުމަށްފަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ސިޗުއާން ޕްރޮވިންސްގެ ކޯރެއްގައި ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލެއްގެ ގޮތުގައިކަމަށް ބޯޓު ބަންނަ ކުންފުނިން ބުނެއެވެ. ޓައިޓެނިކްގެ އަސްލާ އެއްގޮތަށް ބަންނަ ބޯޓުގެ ދިގުމިނުގައި 269 މީޓަރު ހުންނައިރު، ފުޅާމިނުގައި ހުންނަނީ 28 މީޓަރެވެ. 

މިބޯޓުގެ މަސައްކަތް ނިމޭއިރު، އަޑިއަށްދިޔަ ޓައިޓެނިކްއާ އެއްގޮތަށް ބޯލް ރޫމްއަކާއި ސިނަމާތަކާއި ސްވިމިންގެ ޕޫލްވެސް ހިމެނޭނެކަމަށް ބޯޓުގެ މަސައްކަތްކުރާ ފަރާތުން ބުނެއެވެ. މީގެ އިތުރުން ކުރީގެ ޓައިޓެނިކްއާ ޚިލާފަށް މިބޯޓުގައި ފަތުރުވެރިންނަށް ވައިފައި ފަދަ ޚިދުމަތްތައް ލިބޭނެކަމަށްވެސް އެފަރާތުން ބުނެއެވެ. 

img:http://s3.psmnews.mv/images/660x400/14805921265473.jpg|އަޑިއަށްދިޔަ ޓައިޓެނިކްގެ އެތެރޭގެ މަންޒަރެއް

ޓައިޓެނިކްގެ އަސްލާ އެއްގޮތަށް ބަންނަ މިބޯޓުގެ މަސައްކަތުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން ދަނީ ހަރަކާތްތެރިވަމުންނެވެ. 145 މިލިއަން ޑޮލަރުގެ މި ޕްރޮޖެކްްޓަށް ޚަރަދުކުރަނީ ޗައިނާގެ ސެވަން ސްޓަރ އިންވެސްޓްމަންޓް ޤުރޫޕުންނެވެ. 

މީގެ ކުރިން އޮސްޓްރޭލިއާގެ ކުންފުންޏަކުންވެސް ވަނީ ޓައިޓެނިކްގެ އަސްލާ އެއްގޮތަށް ބޯޓެއް ބަނުމުގެ މަސައްކަތް ކުރަން އުޅެފައެވެ. ނަމަވެސް އެމަސައްކަތް ކުރިއަށް ނުގެންގޮސް ވަނީ ހުއްޓާލާފައެވެ.

img:http://s3.psmnews.mv/images/660x400/14805921886072.jpg|ޓައިޓެނިކް އަޑިއަށްދިޔަ ދަތުރު ފެށުމުގެ ކުރިން ބަނދަރުގައި

1912 ވަނަ އަހަރު ޓައިޓެނިކް އެޓްލާންޓިކް ކަނޑަށް އަޑިއަށްދިޔައީ ބޮޑު ގަނޑުފެންގަނޑެއްގައިޖެހި ބޯޓަށް ލިބުނު ގެއްލުންތަކަކާ ގުޅިގެނެވެ. މިހާދިސާގައި 1500 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނެވެ.