ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މެލޭޝިޔާގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ އަހަރީ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޙާޖީ ޢަބްދުއްރައްޒާޤާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައިވާ އަޚުވަންތަ ގުޅުން ފާހަގަ ކުރައްވައި، މި ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

img:http://s3.psmnews.mv/images/660x400/14805809010293.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރާއި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި، ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ފަހުމީ ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ ކުރިން، މެލޭޝިޔާގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ އަހަރީ އާންމު ބައްދަލުވުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މެލޭޝިޔާގެ ޕުޓްރާ ވަރލްޑް ޓްރޭޑް ސެންޓަރގައެވެ.