ކުޅިވަރު

މިއަހަރުގެ އެންމެ މޮޅު ކޯޗަކީ ކާކު؟


މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ފުރަތަމަ ޑިވިޝަންގެ ކްލަބްތައް ވާދަކުރަން ހުރި ހުރިހާ މުބާރާތްތަކެއް ނިމި، ކުޅުންތެރިން ބްރޭކެއް ނެގި ނަމަވެސް، ކްލަބްތަކަށް ކުރިއަށް އޮތީ ބިޒީ ދުވަސްތަކެކެވެ. ސީޒަން ނިމިގެންދިޔައިރު މިފަހަރު އެންމެ ބޮޑު އެއް ސުވާލަކީ އެންމެ މޮޅު ކޯޗަކީ ކޮބައިތޯއެވެ؟ ފާއިތުވި ސީޒަންތަކާއި ހިލާފަށް ނިމިގެން ދިޔަ ސީޒަންގައި އެސުވާލުގެ ޖަވާބު ދިނުން އުނދަގުލެވެ.

 2015 ވަނަ އަހަރު މާޒިޔާގެ ކޯޗު އަލީ ސުޒޭނަށް އެމަޤާމް ދޭން ފަސޭހަވި އެއް ސަބަބަކީ ދެ ތަށި ހޯދުމެވެ. އަދި ލީގު ޗެމްޕިއަން ނިއުރޭޑިއަންޓްގެ ކޯޗުގެ މަޤާމްގައި މީހަކު ހަރުނުލުމެވެ. އޭގެ ކުރީ ހަތަރު އަހަރުވެސް ސީޒަންގައި ލީޑްކުރީ ނިއުރޭޑިއަންޓެވެ. އެހެންކަމުން ކޯޗުގެ މަޤާމާމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު ނެތެވެ. ނަމަވެސް ނިމިގެން ދިޔަ ސީޒަނަށް ބަލާއިރު ތިން މުބާރާތުގެ ތަށި ބެހިގެން ދިޔައީ ތިން ކްލަބަށެވެ. މާޒިޔާއަށް ކުރި ލިބެނީ ޗެރިޓީ ޝީލްޑާއެކުއެވެ. ލީގާއި ޗެރިޓީ ޝީލްޑް މާޒިޔާއަށް ލިބޭއިރު، ލީގުގައި ޓީސީ ގާތުން ވާދަކުރިއެވެ. އަދި އެފްއޭކަޕްގެ ސެމީއަށް ނުގޮސް މާޒިޔާ ކަޓައި، ޕްރެޒިޑެންޓްކަޕްގެ ފައިނަލުންވެސް ޖާގަ ނުލިބުމުން އެޓީމްގެ ކޯޗު އަލީ ސުޒޭނަކީ ސީޒަންގެ އެންމެ މޮޅު ކޯޗުކަމަށް ބުނަން އުނދަގުލެވެ. މާޒިޔާގައި އޮތް ސްކޮޑާއެކު ސުޒޭން ކަނޑައެޅި އަމާޒު ހާޞިލްނުވުމުން އޭނާ ވަނީ މަޤާމްގައި ނުހުންނާނެކަންވެސް އިއުލާންކޮށްފައެވެ.

 އެފްއޭކަޕް ހޯދި ކްލަބް ވެލެންސިޔާއަށް ބަލާއިރު، އެޓީމަށް ލީގުގައި ލިބުނީ ހަ ވަނައެވެ. އަދި ލީގުގެ ފަހު ބުރުގައި ނަތީޖާތައްވެސް ވަރަށް ދަށެވެ. ޕްރެޒިޑެންޓްކަޕްގެ ފައިނަލުގެ ފުރުޞަތެއް ނުލިބުނެވެ. އެހެންކަމުން އެޓީމްގެ ކޯޗަކީ އެންމެ މޮޅު ކޯޗޭ ބުނުމުގެ ފުރުޞަތެއް ނެތެވެ. 

ޕްރެޒިޑެންޓްކަޕްގެ ތަށި ހޯދި އީގަލްސްއަކީ ލީގުގެ ތިންވަނަ ޓީމެވެ. ފުރަތަމަ ދެބުރުގައި ދެވަނައިގައި އޮތް ނަމަވެސް ފަހު ބުރުގައި ޓީސީ ކުރި ހޯދިއެވެ. އަދި އެފްއޭކަޕްގެ ސެމީންވެސް ފުރުޞަތެއް ނުލިބުނެވެ. އީގަލްސްއަށް ބަލާއިރު އެމީހުން ވަނީ ޕްރެޒިޑޭންޓްކަޕްގައި ދެފަހަރު ޓީސީ ބަލިކޮށްފައެވެ. މުޅި ސީޒަންގައި އީގަލްސް ބަލިވީ ފަސް މެޗުންނެވެ.

ދެން އޮތީ ޓީސީއެވެ. އެޓީމަކީ ހުރިހާ މުބާރާތެއްގެވެސް ދެވަނަ ޓީމެވެ. ކޯޗު މުޙައްމަދު ނިޒާމަށް މަދުވީ ހަމައެކަނި ތައްޓެކެވެ. ލީގުގައި ގާތުން މާޒިޔާއާއި ވާދަކުރިއެވެ. އެފްއޭކަޕް ފައިނަލްގައި ބަލިވީ ވެލެންސިޔާ އަތުންނެވެ. އެންމެ ފަހު މުބާރާތް، ޕްރެޒިޑެންޓްކަޕްގެ ފައިނަލް މެޗުގައި ނާކާމިޔާބުވީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފްގައެވެ. ތައްޓަކާ ދާދި ގާތަށް ދިޔަނަމަވެސް އެކަން ހާޞިލެއް ނުވިއެވެ. ނަމަވެސް ޕްރެޒިޑެންޓްކަޕްގައި މާޒިޔާ ބަލިކޮށް، އެފްއޭކަޕްގައި އީގަލްސްވެސް ބަލިކުރިއެވެ. މިކަންތައްތަކާއެކު އެންމެ މޮޅު ކޯޗުގެ މަޤާމް ހޮވުން އުނދަގޫ ނަމަވެސް ވިނިންގ އެގްރިގޭޓަށް ބަލާއިރު ޓީސީގެ ކޯޗު ނިޒާމް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައި، ލީގުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީވެސް އޭނާގެ ކުޅުންތެރިއެކެވެ.. ޓީސީއަށް ތައްޓެއް ލިބުނު ނަމަ ސީޒަންގެ އެންމެ މޮޅު ކޯޗަކީ މުޙައްމަދު ނިޒާމް ކަމުގައި ބުނެ ނިންމާލުމުގެ ޖާގަ އޮތް ނަމަވެސް، ތައްޓެއް ނެތުމުން ވިސްނާލަން ޖެހެއެވެ. ޚުދު ނިޒާމްވެސް ޤަބޫލުކުރާގޮތުގައި ތިން މުބާރާތުން ދެވަނަ ލިބި، ތައްޓެއް ނުލިބުމުން މިއީ އޭނާއަށް ކާމިޔާބު ސީޒަނެއް ނޫނެވެ.

އެކި ފަރާތްތަކުގެ ނަޒަރުގައި މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗު ތަފާތު ވުމުގެ ފުރުޞަތު ބޮޑުވަނީ މިސަބަބުތަކާހުރެއެވެ.