ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އެއިޑްސް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެޗް.އައި.ވީ އަދި އެއިޑްސް ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. އެޗް.އައި.ވީ ނުވަތަ ހިއުމަން އިމިއުނޯ ޑެފިޝެންސީ ނުވަތަ އޭޑްސް ބަލި އެކަކު ގައިން އަނެކަކު ގަޔަށް ފެތުރެނީ ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމުންނެވެ. އަދި މަސްތުވާ ތަކެތި ބޭނުންކުރުމަށް އެކަކު ބޭނުންކުރާ ސިރިންޖް/ ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ކުރުމުންނާއި ރައްކާތެރި ނޫން ލޭ އެޅުން ފަދަ ޢަމަލުތަކުންވެސް އޭޑްސް ބަލި ޖެހެއެވެ. މީގެ އިތުރުން އެޗް.އައި.ވީ ޖެހިފައިވާ މައެއްގެ ފަރާތުން މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ދަރިފުޅަށް އެޗް.އައި.ވީ ފެތުރުންވެސް އެކަށީގެންވެއެވެ.
މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ދިވެހިރާއްޖެއަކީ އެޗް.އައި.ވީ ޖެހިފައިވާ މީހުންގެ އަދަދު ނިސްބަތުން މަދު ޤައުމެކެވެ. ރާއްޖެއިން އެންމެ ފުރަތަމަ އެޗް.އައި.ވީ ޖެހިފައިވާ މީހެއް ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. 2015 ވަނަ އަހަރުގެ ނިޔަލަށް، މިހާތަނަށް 23 ދިވެއްސަކަށް ވަނީ އެޗް.އައި.ވީ ޖެހިފައެވެ. މީގެ ތެރެއިން 12 މީހަކު ވަނީ އޭޑްސް ބަލީގައި މަރުވެފައެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވީ، އެޗް.އައި.ވީ އަދި އެއިޑްސް ބަލިޖެހިފައިވާކަން އެނގޭ 9 މީހަކު ރާއްޖޭގައި މިވަގުތު ދިރިއުޅެމުންދާ ކަމަށެވެ. ނަމަވެސް މީގެ އިތުރުންވެސް އެޗް.އައި.ވީ ޖެހިފައިވާ މީހުން ރާއްޖޭގައި ދިރުއުޅެމުން ދާނެކަމަށް ހެލްތް މިނިސްޓްރީން ލަފާކުރައްވައެވެ. މީގެ ތެރެއިން ގިނަ މީހުންނަށް އެމީހުންގެ ހަށިގަނޑުގައި އެޗް.އައި.ވީ ހުރިކަން ނުއެނގުމަކީ އެކަށީގެންވާކަމެއް ކަމެއްކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.