ކުޅިވަރު

މިއަހަރަކީ ޓީސީ ސްޕޯޓްސް ކުލަބަށް ކާމިޔާބު އަހަރެއް


ތިން ފައިނަލް ކުޅެ ތައްޓެއް ނުލިބުމަކީ ކޯޗަކަށް ކާމިޔާބެއް ނޫންކަމަށާ ނަމަވެސް މިއަހަރަކީ ޓީސީ ސްޕޯޓްސް ކުލަބްގެ މެނޭޖްމަންޓަށް ވަރަށް ކާމިޔާބު އަހަރެއްކަމަށް ޓީސީ ސްޕޯޓްސް ކުލަބް ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމްބުނީ މި އަހަރަކީ، ހާއްސަކޮށް ޓީމްގެ މެނޭޖްމަންޓަށް ވަރަށް ކާމިޔާބު އަހަރެއްކަމަށާއި މިއަހަރު ބޮޑެތި ކުލަބްތަށް އަދި އެތަށް އަހަރެއްގެ ދިގު ތާރީޙުތަކެއް އޮތް ކުލަބްތަކެއް ފަހަތަށް ޖައްސާލުމަށްފަހު، ޓީސީން ތިން މުބާރާތެއްގެ ފައިނަލް ކުޅުމަކީވެސް ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.

 ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުލަބް އީގަލްސްއާ ވާދަކޮށް ޓީސީ ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. މިއަހަރު ޓީސީ ސްޕޯޓްސް ކުލަބުންވަނީ ތިން މުބާރާތެއްގެ ފައިނަލްގައި ކުޅެފައެވެ. ނަމަވެސް އެއިން އެއްވެސް މުބާރާތެއްގެ ޗެމްޕިއަންކަން ޓީސީއަށް ހޯދިފައެއްނުވެއެވެ.  ނިޒާމްބުނީ ޓީސީ އަކީ އަދި ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައަށް އާ ޓީމެއްކަމަށާ އެހެންކަމުން މި ދެ އަހަރު ތައްޓެއް ނުލިބުނު ކަމަށްވީނަމަވެސް، މިހާރު ޓީސީއަކީވެސް ފުރަތަމަ ޑިވިޝަންގެ ގަދަބާރެއްކަމަށް ގިނަ ބަޔަކު ގަބޫލް ކުރާކަމަށް ނިޒާމް ބުންޏެވެ.



" ޓީމް ވަރަށް ރަނގަޅު، ކުޅުންތެރިންވެސް ވަރަށް ރަނގަޅު، ޓީމްގެ މެނޭޖްމަންޓްވެސް ވަރަށް ރަނގަޅު، ހަމައެކަނި މިދިޔައީ ތައްޓެއް ނުލިބި. މިއީ އަދި ޓީސީގެ ދެވަނަ އަހަރު. މިސީޒަންގެ ތަށި ހޯދި ކޮންމެ ޓީމެއްގެ  ފަހަތުގައި ބޮޑު މާޒީއެއް އެބައޮތް. އަދި މިހާހިސާބުން ކުލަބެއްގެ ގޮތުގައި ހިތްމަރާލާކަށް ނުވޭ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އެންމެ ދެ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކޮށް ވިދިވިދިގެން ދެ ފައިނަލްގައި ކުޅެ ލީގްގައިވެސް 2ނާގައި އޮވެ ނިންމާލުމަކީ." ނިޒާމް ބުންޏެވެ.



ޓީސީއަކީ އަދި ކުރިއަރަމުން އަންނަ ކުލަބެއްކަމަށާ މިއަންނަ އަހަރު ޓީސީ މިއަަށްވުރެއްވެސް ވަރުގަދަވާނެކަމަށް ނިޒާމްބުންޏެވެ. ޔޫތް ޗެންޕިއަންޝިޕް ފައިނަލްގައި ޓީސީ ބަލިވީ ކުލަބް އީގަލްސް އަތުންނެވެ، އެފްއޭކަޕް ފައިނަލް މެޗްގައި ޓީސީ ބަލިވީ ކުލަބް ވެލެންސިޔާ އާއި ވާދަކޮށެވެ. އަދި ނިމިގެންދިގަ ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގައި ޓީސީ ބަލިވީ ކުލަބް އީގަލްސްއާއި ވާދަކޮށެވެ.